2018 ގައި ވެސް ހުންނާނީ ރައީސް ޔާމީނާއި އެކު: ރިކޯ
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބްގައި ވެސް ހުންނާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެކު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ރޭ ވާހަަކަ ދައްކަމުން މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ދައުރު ފަސް އަހަރަށް ދެމިގެން ދާން ޖެހޭނެ ކަމަށާއި ވަކިބަޔަކު ބޭނުންވާއިރަށް ވެރިކަން ވައްޓާލެވިގެން ނުވާނެ ކަމަށެވެ. "އަޅުގަނޑުމެން ފަހަރެއްގައި ވެސް މި ތިބީ މި ރާއްޖޭގެ ކަންކަން އޮޔާ ދާއިރުގައި ބަލަހައްޓައިގެނެއް ނޫން. އަދި ރާއްޖޭގެ ވެރިކަމާއި މި ދައުލަތާއި ބަޔަކު މީހުން މުޅި ދުނިޔޭގައި ހަވަަރަށްދީ ކަންކަން ކުރާ އިރުގައި އަޅުގަނޑުމެންގެ ހިތައް ނުކުޅަދާނަ ވޭ. ގާނޫނޫ އަސާސީއަކީ ވަކިބަޔެއްގެ މަސްކާން އަޅުގަނޑުމެން ގެނައި އެއްޗެއް ނޫން. ވެރިކަމަކީ ވަކި ބަޔަކު ބޭނުން ވީމަ ވަކި ޕާޓީއެއްގެ މީހެއްގެ ކަރުގައި ހިފާފައި އެކަން ކުރަން ގެނައި އެއްޗެއް ނޫން،" މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސިޔާސީ ފަރާތްތަކެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދެއްވައި މޫސަ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން މޮޅު މީހުނަކީ ވަކި ބައެއް ނޫން ކަމަށާއި އެބޭފުޅުން ސާބިތު ކަމާއި އެކު ރައީސް ޔާމީންގެ ފަހްތްޕުޅުގައި ތިބި ކަމަށެވެ. "ދިވެހި ރާއްޖޭގެ ތަރްއްގީއާ ކުރިއެރުމަށް މަނިކުފާނު[ރައީސް ޔާމީން] ވަޑައިގަންނަވަނީ ނަމަ 2018 ގައި ވެސް ހުންނަވާނީ ރައީސް ޔާމީން އާއި އެކު،" އޭނަ ވިދާޅުވިއެވެ. އެމްޑީޕީ އިން ވަކިކުރެއްވުމުން އެއްވެސް ޕާޓީ އަކާ ނުގުޅެ ހުންނެވި މޫސަ އަންނަނީ މި ފަހަކަށް އައިސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެމަނުކުުފާނަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް ކަމަށް ވެސް ވަނީ އިއުލާން ކުރައްވާފައެވެ. ރާއްޖޭގެ ވެރިކަމަކީ ވަކިބަޔަކު ބޭނުންވުމުން ބަދަލުކުރެވޭނެ ކަމެެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ގަދަރާއި އިހްތިރާން ކުރަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ