ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދާއިރާގެ ކައުންސިލް ގޮނޑިއެއް އެމްޑީޕީ އަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދާއިރާ، ވ. ކެޔޮދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ޑީއާރުޕީއާ ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓް އިއްޔެ ކާމިޔާބުކޮށްފި އެވެ.
ކެޔޮދޫ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާސިޔާ ހުސެއިން ކާމިޔާބު ކުރެއްވީ، ޝާހިދުގެ ޕާޓީ ޑީއާރުޕީގެ ކެންޑިޑޭޓް އަހުމަދު ފަޔާޒްއާ ވާދަކުރައްވައި ހަތަރު ވޯޓުގެ ތަފާތުންނެވެ.
އާސިޔާ އަށް 223 ވޯޓު ލިބުނުއިރު ޑީއާރުޕީގެ ކެންޑިޑޭޓަށް ލިބުނީ 219 ވޯޓެވެ.
ކެޔޮދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލުމަށް 542 މީހަކު ޝަރުތު ހަމަވާއިރު އިއްޔެގެ އިންތިހާބުގައި ވޯޓު ލީ 480 މީހެކެވެ.
ކެޔޮދޫ ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން އިއްޔެ ކާމިޔާބު ކުރިއިރު ކުރިން އެ ކައުންސިލްގައި މުޅިން ވެސް ތިއްބެވީ ސަރުކާރަށް ތާއީދުކުރާ ޑީއާރުޕީ މެމްބަރުންނެވެ.
އިއްޔެ އިންތިހާބުވި އެމްޑީޕީ މެމްބަރާ އެކު މިހާރު ކެޔޮދޫ ކައުންސިލްގައި ތިއްބަވާނީ ޑީއާރުޕީގެ ހަތަރު މެމްބަރަކާއި އެމްޑީޕީގެ މެމްބަރެކެވެ. އެހެންވެ އަދިވެސް އެ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ޑީއާރުޕީ އަށެވެ.
ކެޔޮދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގައި ކުރިން ހުންނެވި ޑީއާރުޕީ މެމްބަރު އަހުމަދު ނާސިހު އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ