ހާބަރުން ބިން ވިއްކުމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ ބިމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށް، މިއަދު ހުކުމްކޮށްފި އެވެ.
ދިވެހި ގައުމީ ޕާޓީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސުން ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ މާޗް މަހުގެ ކުރި ހުކުމުގައި ވަނީ ހުޅަނގު ދެކުނު ހާބަރުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމަކީ ބިމާބެހޭ ގާނޫނުގެ ދަށުން ހުއްދަ މުއާމަލާތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް ވިއްކަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައި ވާއިރު، ދައުލަތުގެ މިލްކުގެ ދަށުގައިވާ ދައުލަތުގެ ބިން ވިއްކުމަށް ބަޔާންކޮށްފައިވާ އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
މި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން، ސިވިލް ކޯޓްގެ ހުކުމް ރަނގަޅުކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލަ ބެލި އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސިވިލް ކޯޓްގެ ހުކުމް ދައުލަތުން އިސްތިއުނާފުކުރީ އިގްތިސާދީ ބޭނުމަށް ބިން ވިއްކުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތުމުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އޭރު ބުނެފައިވެ އެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމުގައި، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން އިގްތިސާދީ ބޭނުމަށް ބިން ނުވިއްކޭނެ ކަމަށް ގާނޫނީ ގޮތުން ޖަސްޓިފައި ކޮށްދެވިނުވާ ކަމަށާއި، އެ ބިންތައް ވިއްކުމަށް ނިންމާފައި ވަނީ ބިމާ ބެހޭ ގާނޫނުގައިވާ ހުރިހާ އިޖުރާއަތް ފުރިހަމަކޮށްފައި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވެ އެވެ.
ހާބަރުން ވިއްކުމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތީ 2،000 އަކަފޫޓްގެ ފަސް ބިމާއި، 5،000 އަކަފޫޓްގެ ތިން ބިމާއި، 7،500 އަކަފޫޓްގެ ދެ ބިން އަދި 10،000 އަކަފޫޓްގެ ބިމެކެވެ.
ސިވިލް ކޯޓުން އަމުރުކޮށްގެން އެ ބިންތައް ވިއްކުން މަޑުޖެއްސިއިރު ފަސް ބިމަކަށް އެޑްވާންސަށް 100 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ