ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި އެވެ.
ގާސިމް އިބްރާހިމް ދާދި އެންމެއަކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ ފުލުހުން ތަހުގީގު ކުރަމުންއަންނަ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ އެމަނިކުފާނަށް މިއަދު ޗިޓް ފޮނުވުމުންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ކުރިން ވިދާޅުވެފައިވަނީ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް މީޑިއާ އޮފިސަރު ދެއްވާފައެއް ނުވެއެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން މީގެކުރިން ވަނީ ރިޝްވަތުގެ ތުހުމަތުކޮށް ފުލުސް އޮފީހަށް ދެދުވަހު ހާޒިރުކޮށްފަ އެވެ. އަދި އެތުހުމަތުގައި ގާސިމް ހައްޔަރުވެސް ކޮށްފައިވެ އެވެ.
ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަަމަށް ކަނޑައަޅައި ގާސިމް މިނިވަން ކުރުމަށް ހައިކޯޓުން ކަނޑައެޅުމުން ގާސިމް ވަނީ މިނިވަންކޮށްފަ އެވެ. ނަމަވެސް ފުލުހުން ކުރާ ތުހުމަތާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފަ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިދައުވާ ތަކުގެ ޝަރީއަތް މިމަހުގެ މިމަހުގެ 13 ވަނަ ދުވަހު ވަނީ ފަށާފަ އެވެ. އަދި ދައުވާތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ގާސިމް ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދީފައެއް ނުވެ އެވެ.
ގާސިމްގެ އިބްރާހީމްގެ މައްޗަށް ކުރާ ތުހުމަތާއި އުފުލާފައިވާ ދައުވާތަކަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާއިރު ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއްް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުގެ ހެކި ހޯދުމަށް ފުލުހުން ވަނީ ގާސިމްގެ އިބްރާހީމްގެ އަމިއްލަ ގެކޮޅު، މާފަންނުވިލާއާއި އެމަނިކުފާނުގެ އޮފީހެއް ބަލައި ފާސްކޮށްފަ އެވެ.
ނަމަވެސް ފުލުހުން ކުރާ ތުހުމަތާ ގުޅޭ ހެކި މިތަންތަނުން ލިބިފައި ނުވާ ކަމަށް ފުލުހުން ލިޔުމުން އަންގާފައިވާ ކަމަށްވެސް ގާސިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމްގެ ފޯނު އަތުލާފަ އެވެ.
ގާސިމް އިބްރާހީމް ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާތީ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން ގެންދަނީ އެކަން ކުށްވެރިކުރައްވަމުންނެެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ