ބިން މިލްކުކުރެވޭ ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ދެރަ ގޮތެއް ކުރިމަތިވެދާނެ: މައުމޫން

ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރާއްޖެއަށާއި ރައްޔިތުންނަށް ދެރަ ގޮތެއް ކުރިމަތިވެދާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގައި ރައްޔިތުން ދެކޭ ގޮތަށް އަމަލުކުރުމަށް އެދި ރައީސް މައުމޫން ރައީސް ޔާމީނަށް މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ބިން މިލްކު ކުރުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ރާއްޖެ އަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ބިން މިލްކު ކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމެއް،" ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ރާއްޖޭގެ ބިންތައް މިލްކުކުރުމުގެ ފުރުސަތު ކުރީގެ ސަރުކާރުތަކުން ދީފައިނުވަނީ ގައުމީ މަސްލަހަތު ރައްކާތެރި ކުރެއްވުމުގެ ގޮތުން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ އިސްލާހު އެގެނެވެނީ ރައްޔިތުންގެ އެއްވެސް ހިޔާލެއް ނުހޯދައިކަން ފާހަގަކުރައްވައި، އެ އިސްލާހު ތަސްދީގް ކުރެއްވުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓެއް ނަގައި ރައްޔިތުންގެ އަޣުލަބިއްޔަތާ އެއްގޮތަށް ކަންކަން ނިންމެވުމަށް ވެސް ރައީސް މައުމޫން އިލްތިމާސްކުރެއްވި އެވެ. އެސިޓީ ނިންމާލަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ، އެމަނިކުފާނު އެގޮތަށް އެދިވަޑައިގަންނަވަނީ ގައުމަށް ހެޔޮއެދޭ ރައްޔިތެއްގެ ހައިސިއްޔަތުންނާއި 30 އަހަރު ދުވަހުގެ މުއްދަތުގައި ގައުމު ރައްކާތެރި ކުރުމަށް މަސައްކަތްކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. ރައީސް މައުމޫންގެ އެ ސިޓީ މީޑިއާއާއި ހިއްސާކޮށްފައިވާ އިރު ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ އާންމު އުސޫލެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ފޮނުއްވާ ސިޓީއެއް މީޑިއާއަށް ހިއްސާ ކޮށްފިނަމަ އެސިޓިއަށް ޖަވާބު ނުދެއްވާނެ ކަމަށެވެ. މިއަދު މަޖިލީހުން ފާސްކޮށްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަަރު އަހްމަދު ނިހާން ހުސައިން މަނިކް ގާނޫނު އަސާސީއަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ. މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ