ސަރުކާރަށް އެއްވެސް ކަމެއް ކާމިޔާބު ނުވާ ކަމަށް ވިދާޅުވެ ފުއާދު ތައުފީގު ފާޑުވިދާޅުވެއްޖެ

ސަރުކާރަށް މިވީ ދުވަސްތަކުގައި އެއްވެސް ކަމެއް ކާމިޔާބު ނުވާ ކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު އެ ކޮމިޝަންގެ މެންބަރު ފުވާދު ތައުފީގު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ފުވާދު ތައުފީގު ސަރުކާރަށް ފާޑު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިތާ ނުވަ މަސް ވެގެންދިޔަ އިރުވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ މުސްއަބު ކުރެއްވި ޓުވީޓަށް ޖަވާބުދެއްވަމުން ފުވާދު ވިދާޅުވީ، މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މިހާރު އޮތް އޭސީސީއާ މެދު ރައްޔިތުން ކުރި އުންމީދަކީ އެއީ ނޫން ކަމަށެވެ.
"ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ އިންސާފުގެ އުންމީދުގައި، ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޮންނާނެ ކަމަށް. އެކަމަކު 16 މަސް ފާއިތުވެގެން ދިޔައީ އެއްވެސް ކަމެއް ހާސިލުނުވެ،" ފުވާދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރަށް ފުވާދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު، އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރެއްވީ ވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މި ސަރުކާރުންނެވެ.
ފުވާދުގެ މިވާހަކަތައް އައި އިރު، އީސީގެ މެންބަރުކަމަށް ކުރީން ވެސް އެ ކޮމިޝަނުގައި ހުންނެވި އަހުމަދު އަކުރަމް ވަނީ އިއްޔެ އައްޔަން ކުރައްވާފަ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ވެސް އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުން އަކްރަމް ވަނީ އައްޔަންކޮށްފަ އެވެ. އެ ބައްދަލުވުމަށް ފުވާދު ވަޑައި ނުގަންނަވާ ކަމަށް އޭނާ ވަން ގެ ހަބަރަކަށް ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ