މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.
މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްްޓްރީން 29 މާރޗް 2021 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަކަށްވާއިރު މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގްް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއު 105 ދުވަސް ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު މަޝްރޫއުގެ އަގަކީ 17.66 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން މަސްބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ 11 ފެބްރުއަރީ 2021 ގައި ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 160 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3،200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ނިންމާފައިވާ ކަަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ އަގަކީ 56.14 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ