އެފްޑީސީގެ އައު ލޯގޯ ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް، އެފްޑީސީގެ އައު ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު އެފް.ޑީ.ސީގެ އައު ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ޙަފުލާގައެވެ.
މި ޙަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ކުރަމުން އަންނަ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ވަނީ ހިއްސާކޮށްފައެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރި ފަރާތަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އަދި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ "އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑު" ވެސް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. 100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ