ފުލުހުންނަށް ދަތި ކުރުމުގެ ދައުވާ މެމްބަރު މަހުލޫފުގެ މައްޗަށް އުފުލައިފި

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލައިފި އެވެ. ދައުވާއާ ގުޅިގެން އޭނާއަށް މައުލޫމާތު ދިނުމަށް ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު ކޯޓަށް ހާޒިރުވުމަށް ކޯޓުން ވަނީ މަހުލޫފަށް އަންގާފަ އެވެ. ކޯޓު އަމުރުގައިވާގޮތުން މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މަހުލޫފް މިއަދު ސަން އަށް ވިދާޅުވީ އެއީ ބިރުދެއްކުމުގެ ގޮތުން ކުރާ ދައުވާއެއް ކަމަށާއި ދައުވާ ކުރިއަސް ސިޔާސީ މައިދާނުގައި ކުރިއަށްދާނެ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މަހުލޫފު ކޯޓުން ނެރެނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ މަހުލޫފް ވިދާޅުވީ އެ ދައުވާއާ ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަަށެވެ. "އެއްވެސް ކޯޓަކުން އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން. ގިނަ ފަނޑިޔާރުން ތިބީ ރިޝްވަތާއި ސިޔާސީ ނުފޫޒުގައި ޖެހިފައި،" މަހުލޫފް ވިދާޅުވިއެވެ. މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ. މީގެ ކުރިން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މިދިޔަ އަހަރު މަހުލޫފު ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައިވެސް ބަހައްޓާފަ އެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ބެރިކޭޑް ފަޅާލައި ގަދަކަމުން ވަދެގަތުމުގެ ތުހުމަތުގައި މަހުލޫފު އެރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން ފުލުހުންގެ ބަނދުގައި މަހުލޫފު ބެހެއްޓުމަށްފަހު ދޫކޮށްލާފައި ވަނީ ހައިކޯޓުން ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ