ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ހުއްޓައެއްނުލާނެ: ތަރުޖަމާނު
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޝެޑިއުލަށް ބަދަލު އަންނަ ކަމެއް ދިމާނުވާނަމަ ކޮންމެ ހޯމަ ދުވަހެއްގައި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ގަވާއިދުން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތައް މި އުސޫލުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލުވުން ނޯންނާނެ ވަކި ހާލަތްތަކެއްވެސް އެމަނިކުފާނު އޭރު ވަނީ ހިއްސާކޮށްދެއްވާފަ އެވެ.އޭގެ ތެރޭގައި އެދުވަހު ސަރުކާރު ބަންދުވުމާއި، ދަތުރެއް ކުރަންޖެހުމުގެ އިތުރުން އެކި ސަބަބުތަކާއި ހުރެ ޝެޑިއުލްއަށް ބަދަލު އަތުވެދާނެ ހާތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މި ނޫން ހާލަތްތަކުގައި، މި ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.އެހެންކަމުން ކުރިއަށް އޮތް ހަފްތާތަކުގައި މި އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ނޫސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބަދައްލުކުރައްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ