އެމްޑީޕީން ހިޔާ ފުލެޓުތައް ދިން ގޮތުން ގިނަ ބަޔަކު އުޅެނީ މަހަކު 18،000 ރުފިޔާ ދައްކައިގެން: ސަލީމް

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ތަރައްގީކުރި ހިޔާ ފުލެޓުތައް، އޭގެ ފަހުން އައި އިދިކޮޅު އެމްޑީޕީގެ ސަރުކާރުން ދިން ގޮތުގެ ސަބަބުން ގިނަ ބަޔަކު އުޅެނީ ކުއްޔަށް 18،000 ރުފިޔާ ދައްކައިގެން ކަމަށް، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ. މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތް ހެދުމަށް ބިމާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ހިތަށް އެރި ގޮތަކަށް ފުލެޓުތަކާއި ބިންތައް ބަހައިލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަލީމް ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ހިޔާ ޓަވަރުތައް، ޔާމީންގެ ސަރުކާރުގައި ދިނީ ހައްގުވެރި ފަރާތްތަކަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އައިސް، ޔާމީން ސަރުކާރުން ނެރުނު ލިސްޓަށް އަމަލުނުކުރާ ކަމަށާއި، އެ ސަރުކާރުގައި ފުލެޓުތައް ދިނީ ބޭނުންވި ބަޔަކަށް، ހިތުހުރި ގޮތަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ހިޔާ ފްލެޓުތައް --- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން "ނަތީޖާއަކީ ކޮބައިތޯ؟ ނަތީޖާއަކީ އެތާ އުޅޭ މީހުންގެ 80 ޕަސެންޓަކީ ކުއްޔަށް އުޅޭ މީހުން. ހައްގު ފަރާތަށް ދެވުނުނަމަ އެތާ ކުއްޔަކަށް ނޫޅޭނެ މިވަރަކަށް މީހުންނެއް،" ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހިޔާ ފުލެޓުގައި ގިނަ ބަޔަކު ކުއްޔަށް އުޅެނީ ހައްގު ނޫން ފަރާތްތަކަށް ފުލެޓުތައް ދިނުމުން ކަމަށެވެ. އެހެންވީމާ އަޅުގަނޑުމެން ނިކަން ވިސްނަންޖެހޭ، އަދި ކުއްޔަށް ހިފައިގެން އެ ނިކަމެތި ރައްޔިތުން އުޅެނީ ކިހާވަރަކަށްތޯ؟ 18،000 ރުފިޔާއަށް 16،000 ރުފިޔާއަށް، އެއީ 4،000 ރުފިޔާއަށް ދީފައި ހުރި ފުލެޓުތަކެއް، އެ ހިފައިގެން މި އުޅެނީ 18،000 ރުފިޔާއަށް. ނިކަން ވިސްނައިލަބަލަ ނިކަމެތި ރައްޔިތުންނަށް ޖެއްސި ހާލު،އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އޭގެ އިތުރުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފުލެޓު ވެސް ދިނީ ހިތަށް އެރި ގޮތަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ސަލީމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ކުރީ ސަރުކާރުގެ ސްކީމްގެ ދަށުން ދޫކުރި ގިނަ ފުލެޓުތައް މިހާރު ވެސް ކުއްޔަށް ދެނީ، ނުހައްގު ފަރާތްތަކަށް ފުލެޓު ދިނުމުން ކަމަށެވެ. ސަލީމް މިހެން ވިދާޅުވެފައި ވާއިރު، ހިޔާ ފުލެޓްތައް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު، މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ވިދާޅުވެފައިވެއެވެ. https://sun.mv/218703 އެ މައްސަލައާ ގުޅޭ ގޮތުން މުއްޠަލިބު ވިދާޅުވީ، ހިޔާ ފުލެޓްތައް ދޫކުރަން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެ ފުލެޓުތައް ކުއްޔަށް ދިނަސް ދައުލަތަށް އަތުލެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. އެހެންނަމަވެސް ސޯޝަލް ހައުސިން ސްކީމްތައް ހިންގާ އުސޫލުތަކާއި ސިޔާސަތުތަކަށް ބަލާއިރު، އެގޮތަށް ފުލެޓް ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެއްބަސްވުން އޮތަސް، ފިޔަވަޅު އެޅޭނެ ގޮތެއް ހެދުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. މިދިޔަ އޮކްޓޫބަރު މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެފްޑީސީން ވަނީ، ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފުލެޓްތައް ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ