އެމްއޭސީއެލް ބޯޑުގައި ކުރިން ހުންނެވި ނޫރައްދީންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެންބަރުކަމުން މި ސަރުކާރުގައި ވަކިކުރި އިބްރާހިމް ނޫރައްދީން، ސަރުކާރުން އެ ކުންފުނީގެ ހިންގުމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. އިބްރާހިމް ނޫރައްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއޭސީއެލްގައި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ބޯޑުން ވަކިކުރި ފަހުން، މުޅިން އަލަށް އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ވަނީ، އޭނާ ބޯޑުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ހިންގަން އުޅުނު މަޝްރޫއުތަކަކާ ދެކޮޅު ހެއްދެވުމުން ކަމަށް ތުހުމަތުކުރައްވައިފައެވެ. ނޫރައްދީން ހާމަކުރެއްވި ގޮތުގައި، އެމްއާރްޑީސީ ނުވަތަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރަން އުޅުނު 93 މިލިއަން ރުފިޔާގެ މަޝްރޫއަކާ އޭނާ ދެކޮޅު ހެއްދެވިއެވެ. އެ މަޝްރޫއަކީ އެމްއާރްޑީސީގެ ތަޖުރިބާ ނެތް ދާއިރާއެއްގެ މަސައްކަތެއް ކަމަށާއި، އެކަން ކުރަން އުޅުނީ އެއްވެސް ޓެންޑަރަކާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ހަވާލުކުރަން އުޅުނީ "މަތީ ވެރިޔާގެ އެންގެވުމުގެ" މަތިން ކަމަށް ބޯޑަށް އެންގިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނޫރައްދީން ވިދާޅުވިގޮތުގައި އެ މައްސަލައިގައި ދެކޮޅު ހެއްދެވުމުން، ބޯޑު ބައްދަލުވުން ނިންމާފައި ގެއަށް ނުދެވެނީސް އޭނާ މަގާމުން ވަކިކުރިކަމުގެ މެއިލް ވަނީ ލިބިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ކުދި ކުންފުނިތަކުން ދެމުންދާ ޖެޓް ސާވިސްގެ ހިދުމަތް ދޭ ޓާމިނަލް، އެއްވެސް ބިޑަކާ ނުލައި 25 އަހަރަށް "ޖެޓްއެކްސް" އަށް ދިނުމަށް ސަރުކާރުގެ ނޭޝަނަލް އެޑްވައިޒަރު ބޭނުންފުޅުވި ކަމަށް ވެސް ނޫރައްދީން ތުހުމަތު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި އަމިއްލަ ކުދި ކުންފުނިތަކުން ތަރައްގީކޮށް ހިންގަމުން އައި ހިދުމަތެކެވެ. ނޫރައްދީން ވަނީ އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވި އެގްޒެކެޓިވް ޑިރެކްޓަރުންގެ އަމަލުތަކާ މެދު ސުވާލު އުފައްދަވައި، މިކަންކަމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހަނު އޮތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަރުކާރުން ނުވަތަ އެމްއޭސީއެލްގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނޫރައްދީނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި އެމްއޭސީއެލްގެ ބޯޑުގައި މީގެ ކުރިން ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ