މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އެ ޕާޓީގެ އެތެރޭގައި ޕްރައިމަރީގެ އިންތިހާބު ބޭއްވި ދުވަހަކީ ހަގީގަތުގައި ޕީޕީއެމް ނުބައި މަގަށް ދަތުރު ފެށި ދުވަސް ކަމަށް އެ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި އުމަރު ފޮނުއްވި މެސެޖްގައި ވިދާޅުވީ، ޕީޕީއެމް އުފެއްދީ ދީނާއި ގައުމިއްޔަތު ދިފާއުކުރާ ސިޔާސީ އިދާރާއެއްގެ ގޮތުގަ ކަމަށެވެ. ޑީއާރްޕީ އާއި ޒެޑްޑީއާރްޕީގެ ތެެރެއިން ޕީޕީއެމް އުފެއްދުމާ ހަމަައަށް ކުރި ދިގު އަދި އުނދަގޫ ދަތުރަކީ އެތައް ބައެއްގެ ގުރުބާނީ ހިމެނިފައިވާ ދަތުރެއް ކަމަށް، އުމަރު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ޕާޓީ އުފެއްދި މަގުސަދާއި ޕާޓީ ގަބޫލުކުރި ހަމަތައް ދޫކޮށް މާދުރަށް ޕާޓީ ގޮސްފައިވާ ތަން، ނަމަވެސް އަޅުގަނޑު މިކަމާ ހައިރާނެއް ނުވޭ، ސަބަބަކީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު، ޕާޓީގެ ދަފުތަރުގައި ނުހިމެނޭ 8915 މީހެއްގެ ނަން ޕާޓީގެ ވޯޓާސް ލިސްޓްގައި ހިމަނާ އެ މީހުންގެ ނަމުގައި ފޮށިތަކަށް ވޯޓު ކަރުދާސްތައް އަޅާ ލެވުނު ދުވަހަކީ ހަގީގަތުގައި ޕީޕީއެމް ނުބައި ދަތުރު ފެށި ދުވަސް،" ޕީޕީއެމް އުފެއްދުމުގެ ތެރޭގައި ވެސް އުޅުނު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ޕީޕީއެމް ހަލާކުވި ދުވަހަކީ އެ ދުވަސް ކަމަށެވެ. މިއަދު މި ފެންނަނީ އެ އަމަލުގެ ނަތީޖާ ކަމަށެވެ. އެކަން އެގޮތަށް ހިނގާ ނުދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިން ކަމަށާއި ނަމަވެސް މަލާމާތާއި ފުރައްސާރަ ނޫން އެއްޗެއް ނުލިބި އެންމެފަހުން ނިމިގެން ދިޔައީ ޕާޓީން ވަކިކޮށްލުމަށްފަހު ކަމަށް އުމަރު ވިދާޅުވި އެވެ.
މިއަދު ޕީޕީއެމްއިން މެންބަރުން ވަކިކުރި ގޮތާއި ކޯޓުތަކުން ޕީޕީއެމްގެ މައްސަލަތައް ނިންމަމުން ގެންދާ ގޮތަކީ އެ ދުވަހު އޭނާއަށް ތަޖުރިބާ ކުރަން ޖެހުނު ކަންކަން ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމް އެތެރޭގެ ކަންކަން ހިނގާފައިވާ ގޮތްތައް އެއީ އެންމެ ރަނގަޅަށް ހިނގާފައިވާ ކަންކަން ނޫން ނަމަވެސް އަޅުގަނޑުގެ ހިތުގައި އެކަމާ ދޭތެރޭ އެއްވެސް މީހަކާ ބުރަ ހިތެއް ރުޅިވެރިކަމެއް ނެތް، އަޅުގަނޑު އެދެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައިވާ ޕާޓީތަކަކަށްވުން، ލީޑަރުންގެ ކަލްޓްއަކަށް ބަދަލުވެގެން ނުދާ ސިޔާސީ އިދާރާތަކެއްގެ ގޮތުގައި ޕާޓީތައް އޮތުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ގެނައުމަކީ އޭނާގެ މެނިފެސްޓޯގައި ހިމެނޭނެ ކަމެއް ކަމަށެވެ. މިއަދު އޭނާ ވަނީ އެ މައުލޫގެ ދަށުން 2018 އަށް ތައްޔާރުކުރަމުންދާ މެނިފެސްޓޯގެ ފުރަތަމަ ނޯޓު ނެރެފަ އެވެ.
ޕީޕީއެމްގެ އަހަރީ ދުވަހާ ގުޅިގެން ބައެއް ބޭފުޅުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މަރުހަބާ ދަންނަވަމުންދާއިރު، އަނެއް ބަޔަކު މަރުހަބާ ދަންނަވަނީ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް އުމަރު ވަނީ އެ ދެ ބޭފުޅުންނަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.
ޕީޕީއެމްއިން ނުބައި ދަތުރެއް ފެށީ ޕްރައިމަރީ ބޭއްވި ދުވަހު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ