ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރުމަށް ދިން މުއްދަތު ހަމަވެފައިވާތީ އާންމު އުސޫލުގެ ދަށުން އެމަނިކުފާނު ރާއްޖެ ގެނައުމަށް ކަރެކްޝަން ސާވިސްއިން ފުލުހުން ކިބައިން އެދިފައިވާތީ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ދީފައިވާ މުއްދަތު ހަމަވުމުން އެމީހަކު އަނބުރާ ގެނައުމަށް ކަރެކްޝަނުން ފުލުހުން ކިބައިން އެދޭ ކަމަށެވެ. އެއީ އޮންނަ އުސޫލު ކަމަށެވެ. އެގޮތުން ގާސިމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ ކަރެކްޝަނުން ފުލުހުންގެ ކިބައިން އެމަނިކުފާނު ރާއްޖެ އަނބުރާ ގެނައުމަށް އެހީތެރިވެދިނުމަށް އެދިފައިވާ ކަމަށެވެ.
"އާންމު އުސޫލުގެ ދަށުން އެދިފައިވާތީ ފުލުހުންގެ އެހީތެރިކަން އެކަމަށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ. "ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ ފަރާތުން ކުރަން ޖެހޭ މަސައްކަތް އެބަ ކުރަމުން ދޭ،"
ގާސިމަށް ދިން މުއްދަތު ހަމަވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. މުއްދަތު ހަމަވެފައިވާތީ ގާސިމް މިހާރު އުޅުއްވަނީ ފިލައިގެން ކަމަށް ބަލާނެ ކަމަށް ކެރެކްޝަން ސާވިސްއިން ވަނީ ބުނެފަ އެވެ.
ނަމަވެސް ގާސިމްގެ ވަކީލުން ވިދާޅުވެފައިވަނީ، ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ އެއާލައިނުން ގާސިމަށް ދީފައިނުވާކަން ކަރެކްޝަން ސާވިސްއަށް ވެސް އަންގާފައިވާނެ ކަމަށެވެ. ގާސިމްގެ ބޭސްފަރުވާގެ އިތުރު މުއްދަތަށް ކަރެކްޝަންގައި އެދިފައިވަނީ އަދިވެސް އެމަނިކުފާނުގެ ބޭސްފަރުވާ ނުނިމޭތީ އެވެ.
"އެމަނިކުފާނުގެ ހިތުގެ އީޕީ.ސްޓަޑީ [މާލޭ ޑޮކްޓަރުން ލަފާ ދީފައިވާ ޓެސްޓް] ސިންގަޕޫރް މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ހެދުމަށް 19 އޮކްޓޯބަރަށް ވަނީ ޝެޑިއުލްކޮށްފަ، އީޕީ.ސްޓަޑީއަށްފަހު ވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރްގައި ހުންނަޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަން ވެސް ވާނީ ކަރެކްޝަން ސާވިސްއަށް އަންގާފަ،" ބަޔާނުގައި ބުނެފައިވެ އެވެ.
ގާސިމްގެ ވަކީލުން ބަޔާނުގައި ބުނެފައިވަނީ އެ ސަބަބުތަކާހުރެ މުއްދަތު އިތިރުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކަރެކްޝަން ސާވިސްއިން އަންގާފައިވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ކަމަށެވެ.
ހިތުގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވާ ގާސިމް ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. ނަމަވެސް އެއަށް ފަހު ރާއްޖޭ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޑޮކްޓަރުން މަޑު ކުރަން ލަފާދީފައި އޮތުމުން އެމަނިކުފާނު ފްލައިޓަކަށް ނާރުވަ އެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދިނެވެ.
ގާސިމް ރާއްޖެ ގެންނަން މަސައްކަތް ފަށައިފިން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ