މަސީހު އިސްތިއުފާ ދެއްވައި، ރައީސް ކަމަށް ގާސިމް އައްޔަން ކުރަންޖެހޭ: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ އެ މަގާމަށް އައްޔަން ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ގޮވާލައްވައިފި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން މިއަދު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އުމަރު ކުރެއްވި ޓްވީޓެއްގައިވަނީ، މަސީހު މިހާރު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އެ މަގާމަށް ގާސިމް އައްޔަން ކުރަން ވޯޓު ދޭންޖެހޭ ކަމަށެވެ. ގާސިމަކީ އުނދަގޫ ދަނޑިވަޅުތަކުގައި މަޖިލިސް ހިންގެވި ބޭފުޅެއް ކަމަށް އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވެ އެވެ.
މި ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވުމަށް ފަހު އުމަރު ވަނީ މަގާމުން އިސްތިއުފާ ދެއްވައި، ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގައި އުމަރު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުންނަށް ވެސް އުމަރު ގެންދަވަނީ ދޭތެރެ ދޭތެރެ އިން ފާޑު ވިދާޅުވަމުންނެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އުމަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ