އުމަރު ނަސީރު ވެސް ގުޅިވަޑައިގަތުމަށް ޔާމީން އިލްތިމާސްކުރައްވައިފި

ޕީޕީއެމް ބަދަހި ކުރުމަށްކުރާ މަސައްކަތުގައި އާއި ޕާޓީ ވަރުގަދަކުރަން ކުރާ މަސައްކަތުގައި އުމަރަކީ ވަރަށް އިސް ދައުރެއް އަދާކުރައްވާ އަދި އަދާކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އޭނާއާއިއެކު ގުޅިވަޑައިގެން މަސައްކަތްކޮށްދެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު ފުރަތަމަ ފަހަރަށް ކާނިވަލުގައި ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ އޭނާ ކުރިމަތިލައްވައިގެން ހުންނެވީ ވަރަށް ސާބިތުކަންމަތީ ކަމަށާއި ޕީޕީއެމްގެ އާންމު މެންބަރުން ހަވާލުކުރެއްވި އަމާނާތް ގާބިލިއްޔަތާއި ހިތްވަރު ތަން ދިން އެންމެ ފުރިހަމަ މިންވަރަށް ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން ޕާޓީ ބަދަހިކުރަން ކުރާ މިމަސައްކަތުގައި، ވަރުގަދަކުރަން މިކުރާ މަސައްކަތުގައި އުމަރަކީ ވަރަށް އިސް ދައުރެއް އަދާކުރައްވާ އަދި އަދާކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވައިގެން، އަޅުގަނޑާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަކީ އަޅުގަނޑުގެ މިރޭ ވަރަށް ބޮޑު އިލްތިމާސްއެއް." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެންމެން އެކީގައި އެއްބައިވަންތަކަމާއިއެކީގައި މަސައްކަތްކުރެވުމުގެ ސަބަބުން ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ލިބުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށާއި އެއަށް ފަހު ޕާޓީގެ މެމްބަރުންގެ އަދަދު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި  31،000 އަށް އިތުރުކުރެވިފައިވަނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި އޮތުމުން ކަމަށެވެ.
މީގެއިތުރުން ޕީޕީއެމްއިން ބައިވެރިވި 20 ބައި އިލެކްޝަންގެ ތެރެއިން 17 އިންތިހާބު ކާމިޔާބުކުރެވުނީ މެމްބަރުން ބަދަހިކޮށް ތިބުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރުގެ ބެސްޓް އޮފް ކެރެކްޓާ ފެންނަން އެބަޖެހޭ ކަމަށާއި ކޮންމެ މީހަކަށްވުރެން ޕާޓީ މުހިންމުވާނެ ކަމަށެވެ.
އުމަރު ނަސީރު މީގެކުރިން ބޭއްވި ޖަލްސާތަކުގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކައްދަކާފައިވާތީ މިރޭގެ ޖަލްސާގައި ޔާމީން ވަނީ އުމަރު ނަސީރު ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދެއްވާފައެވެ. ޔާމީން ވިދާޅުވީ އޭނާއަކީ ގޭންގް ގެންގުޅެ، ޑްރަގުގެ ވިޔަފާރިކުރާ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ހަމަލާ ޕާޓީގެ އެތެރެއިންނާއި ބޭރުން އައި ނަމަވެސް އެއީ ސާބިތުކުރެވޭނެ ކަން ކަމެއް ނޫން ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ކުއްޖާއާ ޔާމީން ޕީޕީއެމް އޮފީހުގައި ބައްދަލުކުރި ކަމަށް އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަމަށް ވެސް ޔާމީން ވަނީ ރައްދުދެއްވާފައެވެ.
"އަޅުގަނޑަކީ މުއްސަންޖެއް ނޫން. އަޅުގަނޑަކީ ބޭރުގައި ފުލެޓް ހުރި މީހެއް ނޫން. އަޅުގަނޑަކީ ގޭންގުތައް ގެންގުޅޭ މީހެއް ނޫން. އަޅުގަނޑަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ނޫން. އަޅުގަނޑަކީ އަފުރާޝީމްގެ މަރާ ކުޑަ ގޮތަކަށް ވެސް ގާތް ގުޅުމެއް އޮތް މީހެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އުމަރާއި އޭނާގެ ކެމްޕޭން ޓީމުގެ ގިނަ މެމްބަރުން ބައިވެރިއެއް ނުވެ އެވެ. އެހެން ނަމަވެސް އުމަރުގެ ޓީމުގައި ހިމެނިވަޑއިގަންނަވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި މުހަންމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ކައުންސިލް މެންބަރު އަހުމަދު ސިއްދީގު އާއި އުމަރުގެ ތަރުޖަމާނު އަހުމަދު ޝައްމޫން ވެސް ބައިވެރިވެޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ