މިރެއިން ފެށިގެން މާލެއަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މޫސުމާއި ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މެދުރާއްޖެ ތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ބޯ ވިއްސާރަވިލާތަކެއް އުފެދުމާއި ގުޅިގެން ކުރަމުން އަންނަ ވިއްސާރައެއް ކަމަށާއި މިރެއިން ފެށިގެން މާލެއަށް އެކަނިވެސް 92 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ.
އަދި މެދުރާއްޖެތެރެއަށް ކުރަމުން މިދާ ވިއްސާރައަކީ ދާދި ފަހުން އިންޑިއާއަށް އެރި "ހުދުހުދު" ތޫފާނުގެ އަސަރު ނޫން ކަމަށާއި މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މެދުރާއްޖެތެރެއަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ. އަދި ވައިޖެހޭނީ އެވްރެޖްކޮށް 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނެއްގައިއެވެ. ވިލާގަނޑުގައި 35 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަކޮށް އުޅޭނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާ ފަރާތްތަކުން މުސޫމަށް ސަމާލުވެގެން ދަތުރުކުރުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު އެކަކުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު ބައެއް މަގުތަކުގައި 1 ފޫޓާއި 1.5 ފޫޓަށް ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ހިސާބުތަކުގައި 3 ވަރަކަށް ފޫޓަށް ފެން ބޮޑުވެފައި ހުރި ކަމަށްވެއެވެ.
މާލެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ބައެއް ހިސާބުތަކުން މިހާރު ވެސް ކަރަންޓު ކެނޑިފައިވާކަން ފާހަގަކޮށްލެވެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ