އައު މަންހަޖާ ގުޅޭ ގޮތަށް އިމާރާތް ކުރާ ފުރަތަމަ ދެ ސްކޫލް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އައު މަންހަޖާ ގުޅޭގޮތަށް ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ ދެ ސްކޫލް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ސްކޫލްގެ އިމާރާތް ޑިޒައިން ކުރުމަށް ހަވާލުކޮށްފައިވަނީ އާރކްއެންޖް ސްޓޫޑިއޯ އާއެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި އާރްކްއެންޖް ސްޓޫޑިއޯގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު ހަމީން އެވެ.
އެ އެއްބަސްވުމުގެ ދަށުން ޑިޒައިންކުރާ ދެ ސްކޫލަކީވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ދެ ސްކޫލެވެ. އަލަށް އިމާރާތް ކުރާ މި ދެ ސްކޫލްގެ ޑިޒައިން ކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ ނިންމާ އެ މިނިސްޓްރީ އާއި ހަވާލު ކުރާ ގޮތަށެވެ.
އެ ދެ ސްކޫލު އެޅުމުގެ މަސައްކަތް ފަށާނީ އަންނަ ޑިސެމްބަރު މަހުގައެވެ. މިއަދު ވެވުނު އެއްވަސްވުމުގެ ދަށުން ޑިޒައިން ކުރުމަށް ހަވާލު ކޮށްފައިވަނީ 116،600 ރުފިޔާ އަށެވެ.
މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލު ކުރުމަށް އިމާރާތް ކުރާ މި ދެ ސްކޫލަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްތަކެކެވެ. އަދި ކްލާސްރޫމެއްގައި 25 ކުދިންނަށް ކިޔެވޭނެއެވެ.
އައު މަންހަޖާ އެއްގޮތަށް ރާއްޖޭގައި މިހާތަނަށް އެއްވެސް ސްކޫލެއް އިމާރާތް ކޮށްފައިނުވާއިރު މި ދެ ސްކޫލަށްފަހު އައު މަންހަޖަށް ކިޔެވޭ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ