ޗައިނާގެ ވެލިގަނޑުގައި އަހްނާ، އޭނާގެ އަމިއްލަ ރެކޯޑު އައުކޮށްފި

ހަވަނަ އޭޝިއަން ބީޗު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުން މިއަދު ފެށީ އުންމީދީ އަދި އެހާމެ ކާމިޔާބު ނަތީޖާތަކަކާއެކުގައެވެ. ޗައިނާގެ ހިތްގައިމު ސަންޔާގެ ފީނިކްސް އައިލެންޑްގައި ކުރިއަށްދިޔަ ބީޗް އެތުލެޓިކްސްގެ ފުރަތަމަ އިވެންޓްތަކުގައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދިދަ އުުފުލާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ޚާއްސަކޮށް، މިއަދަކީ ދިވެހި އެތުލެޓިކްސް ޓީމަށް މި މުބާރާތުގައި ކުރިމަތިލީ ފުރަތަމަ އިމްތިހާނަށް ވީއިރު، އެތުލީޓުން ދެއްކި ހިތްވަރާއި ހޯދި ޓައިމިންގްތަކުން ކުރިއަށް ހުރި އިވެންޓްތަކަށް އޮތް އުންމީދު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއަދުގެ އެންމެ ވަރުގަދަ ތަރިއަކަށް ވެގެންދިޔައީ ޒުވާން ދުވުންތެރިޔާ އަހްނާ ނިޒާރުއެވެ. އަންހެނުންގެ 60 މީޓަރުގެ ތިންވަނަ ހީޓުގައި ވާދަކޮށް، އަހްނާ ވަނީ 7.81 ސިކުންތުން ރޭސް ނިންމައި، އޭނާގެ އަމިއްލަ "ޕާސަނަލް ބެސްޓް" ޓައިމިންގް އާކޮށްފައެވެ. ހަވަނަ އޭޝިއަން ބީޗު ގޭމްސްގައި ރާއްޖޭގެ އަހުނާ ދުވަނީ-- ފޮޓޯ: އެމްއޯސީ މިއީ މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ޓިއާންޖިންގައި ބޭއްވި އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ހެދި 7.83 ސިކުންތުގެ ރެކޯޑަށްވުރެ އަވަސް ނަތީޖާއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހްނާ ހޯދި މި ކުރިއެރުމަކީ ދިވެހި އެތުލެޓިކްސްގެ މުސްތަގުބަލު އުޖާލާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ހަވަނަ އޭޝިއަން ބީޗު ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު-- ފޮޓޯ: އެމްއޯސީ ފިރިހެނުންގެ 60 މީޓަރު ދުވުމުގައި ރާއްޖޭގެ ރަން ފަހުލަވާން، ހަސަން ސާއިދު ވަނީ އާދައިގެ މަތިން އޭނާގެ ހަލުވިކަން ދައްކާލާފައެވެ. ފުރަތަމަ ހީޓުގައި ވާދަކޮށް ސާއިދު ރޭސް ނިންމީ 7.12 ސިކުންތުންނެވެ. މި ނަތީޖާއާއެކު އޭނާ ހީޓުގެ ހަތަރުވަނަ ހޯދިއިރު، މިއީ ބީޗް ޓްރެކެއްގައި ސާއިދު ދެއްކި ވަރުގަދަ ފައިޓެކެވެ. ސާއިދުގެ އިތުރުން، އަންހެނުންގެ ފުރަތަމަ ހީޓުގައި ވާދަކުރި އައިޝަތު ޝަބާ ސަލީމް ވަނީ 8.19 ސިކުންތުން ރޭސް ނިންމައި، ހީޓުގެ ހަތްވަނަ ހޯދާފައެވެ. ޝަބާގެ ފަރާތުންވެސް ފެނިގެންދިޔައީ ބައިނަލްއަގުވާމީ ވަރުގަދަ ދުވުންތެރިންނާ ދެކޮޅަށް ހިތްވަރާއެކު ކުރިމަތިލި މަންޒަރެވެ. މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމު ބައިވެރިވަނީ ވަރަށް ބޮޑު ތައްޔާރުވުމަކަށް ފަހުގައެވެ. މިއަދު ފެނިގެންދިޔަ ނަތީޖާތަކަކީ، ޚާއްސަކޮށް އަހްނާގެ އާ ރެކޯޑަކީ، މުޅި ޓީމުގެ ރޫހު ވަރުގަދަކޮށްދިން ކަމެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން އެތުލީޓުންވެސް ސަންޔާގެ މި ވެލިގަނޑުގައި އާ ހަރުފަތްތަކަކަށް ވާސިލްވާނެ ކަމަށް މުޅި ގައުމު އިންތިޒާރު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ