ޝަހީމަށް ރައީސް މައުމޫން ޝުކުރު އަދާ ކުރައްވައިފި

އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން އިއްޔެ އިސްތިއުފާދެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ. މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަހަރުތަކެއް ވަންދެން ޑރ. ޝަހީމް ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް އެ ޕާޓީން މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ. އިސްލާމިކް މިނިސްޓަރުގެ މާގާމާ ޑރ. ޝަހީމް ހަވާލުވެވަޑައިގެންނެވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ އަދާލަތު ޕާޓީން އެގޮތަށް ނިންމީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު އަދަލާތު ޕާޓީ އިސްނަގައިގެން ބޭއްވި މުޒާހަރާއަށް ފަހު އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެންނެވެ. އަދާލަތު ޕާޓީގެ އެ ނިންމުމަށް ފަހު ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ހެން މީގެ ކުރިން ޝަހީމް ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. ޑރ. ޝަހީމް އިސްތިއުފާއާ އެކު ދެން އަޑުއިވިގެން ދިޔަ ވާހަކައަކީ ރާއްޖޭގައި ފުރަތަމަ އުފެދިގެން އަންނަ އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމާ ޗާންސެލަރަކަށް ޑރ. ޝަހީމް ވަޑައިގެންނަވަން އުޅުއްވާ ވާހަކަތަކެވެ. ނަމަވެސް މިހާތަނަށް ޑރ. ޝަހީމްގެ ބަހެއް އަދި އިސްތިއުފާގެ ފަހުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ