ހަބަރު ފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ބާއްވަން ވާނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ދާއިރާގެ ތެރޭގައި:ރައީސް

ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުގެ މިނިވަންކަން އޮންނަންޖެހޭނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ދާއިރާގެ ތެރޭގައި ހިފެހެއްޓިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސާބަތުގައި ގއ. ވިލިނގިލީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކާއި ނޫސް މަޖައްލާތަކާއި ޓީވީ އާއި ރޭޑިއޯ ކިތަންމެ މިނިވަންކަމާއެކު ހަރަކާތްތެރިވާނެ މަގުފަހިވެފައި ވިޔަސް އެ ހުރިހާ ވަސީލަތްތަކަކުން ވެސް އިސްލާމް ދީނަށާއި ދިވެހި ގައުމިއްޔަތަށާއި ދިވެހި ސަގާފަތާއި އާދަކާދައަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށެވެ.
"ނޫސްވެރިކަމަކީ ކިތަންމެ މިނިވަން ގޮތެއްގައި އޮތް އެއްޗަކަށްވިޔަސް އެއީ ބޭރުގެ ހިޔާލުތަކާއި ނުފޫޒުތައް ދިވެހި ރައްޔިތުންގެ ތެރެއަށް ވައްދާ އެއްޗަކަށް ވެގެނެއް ނުވާނެ. ހާއްސަކޮށް ސިޔާސީ ދާއިރާގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ނޫސްވެރިކަމުގައި ގެންގުޅެންޖެހޭނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހަމަތަކަކީ އިސްލާމްދީނުގައިވާ މައިގަނޑު އަސާސްތައް ކަމަށާއި އެ ދީނުގައި އެކަކު އަނެއްގެ އަބުރާ ބެހުމުގެ ހުއްދަ ނޯންނަ ކަމަށެވެ. އެކެއްގެ އަގުވެއްޓޭ ގޮތަށް އަނެކަކު ވާހަކަ ދެއްކުމުގެ ހުއްދަ ނޯންނަ ކަމަށެވެ.
"ކޮންމެ ފަރުދަކީ އަދި އިސްލާމީ މުޖުތަމައުގެ ކޮންމެ ފަރުދަކީ އިސްލާމްދީން ދެކޭ ގޮތުގައި އެ މީހެއްގެ އަމިއްލަ ޝަރަފަކާއި އަމިއްލަ އިއްޒަތަކާއި އަމިއްލަ އަބުރެއް އޮންނަ މީހެއް. އެހެންވީމާ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ އުހުތުންތަކެއް ނުވަތަ އަހުންތަކެއްގެ އަބުރު ނަގާލައި ނުވަތަ ފަލީހަތްކުރާ ބަޔަކަށް ވެގެނެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ ގޮތުން އޮއްޓަރު ހުރި ބިނާކުރުމުގެ ހިޔާލުތައް ފާޅުކުރުމަކީ ނޫސްވެރިންކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން ހުރަހެއް ނާޅާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ނޫސްވެރިން އެ މަސައްކަތް ކުރަންޖެހޭނީ ޒިންމާދާރު ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ