އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހިންގުމުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް މާލޭ މުނިސިޕަލްޓީން އިތުރުކޮށްދީފި އެވެ. 
ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލީ މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހިންގުމަށް މި އަހަރުން ފެށިގެން ދީފައިވާ ހަ މަސް ދުވަހުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާތީ އަލުން އެއް އަހަރު ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. 
"އެންމެ ފަހުން އިތުރުކޮށްދިން މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ. އެހެންވެ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު ވަނީ މުއްދަތު އިތުރުކޮށްދީފައި. އެއީ އެއް އަހަރު ދުވަހުގެ މުއްދަތެއް،" ހަމީދު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި ކާނިވާ ސަރަހައްދުގައި ހުރި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނީ މި ވަގުތަށް އެ ސަރަހައްދުގައި ކުރާނެ އެއްވެސް ކަމެއް ނެތުމުންނެވެ. އަދި ވިދާޅުވީ ކާނިވާ ސަރަހައްދުގައި ސްވިމިން ޕޫލަކާއި މުނިފޫހިފިލުވުމުގެ އެހެނިހެން ވަސީލަތްތައް ގާއިމްކުރުމަށް ޕްލޭންކޮށްފައިވީ ނަމަވެސް އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން އެ މަސައްކަތްތައް ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. 
މަޖީދިއްޔާ ސްކޫލަށް  75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި އަލިމަސް ކާނިވާ ސަރަހައްދުގައި ހެދި ކެފޭތަކާއި އެހެނިހެން އިމާރާތްތަކުގެ މުއްދަތު  2006 ގެ ނިޔަލަށް ހަމަވި ނަމަވެސް،  2007 ވަނަ އަހަރުން ފެށިގެން މުނިސިޕަލްޓީން ގެންދިޔައީ ކޮންމެ ހަ މަހަކުން ހަމަހަކުން މުއްދަތު އިތުރުކޮށްދެމުންނެވެ. އަދި އެންމެ ފަހުން މި އިތުރުކޮށްދިނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. 
އަލިމަސްއުފާ ސަރަހައްދުގެ ބޭނުން މިހާރަށް ވުރެ ރަނގަޅު ގޮތުގައި ހިފުމަށްޓަކައި އެތަނުގައި ހުރި ތަންތަން ނަގާނެ ކަމަށް  2006 ގައި ސަރުކާރުގެ އެކި ވެރިން ވިދާޅުވަމުން ގެންދެވި އެވެ. އަދި އެ ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހުސްކުރުމަށް  2006ގެ ނޮވެމްބަރު މަހުގެ ތެރޭގައި މުނިސިޕަލްޓީން އެންގި ނަމަވެސް ދުވަސްކޮޅަކުން އެ ނިންމުން ވަނީ ބަދަލުވެފަ އެވެ.
    
    ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހިންގުމުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            