އެންއައިސީގެ މެންބަރުކަމަށް ގާސިމް އައްޔަން ކުރަން ފާސްކޮށްފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ނަމަކަށް އިސްކަން ދެއްވާ ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރު ކަަމަށް ތިން މީހަކު އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. އެއީ އާމިނަތު ޝާދިޔާ، މ ޕިސްޓާގެ، އާއި ޝުއެއިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު ސ. 1188، އާއި ގާސިމް އަބްދުލް ކަރީމް، ނިކަގަސްދޮށުގެ، ޅ ނައިފަރު، އެވެ.
ޝާދިޔާ އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 50 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ޝުއެއިބު އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ގާސިމް އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރުހުންދީފައެވެ.
ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި 8 މަހާއި 12 ދުވަހަށް ޖަލަށްވެސް ލައިފައެވެ. ހުކުމް ތަންފީޒު ކުރުވައި، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ތިބި މެންބަރުންގެ ތެރެއިން ތިން މެންބަރުން ކަމަށްވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެންބަރުން އަހްމަދު އަމީން އަދި ހަދީޖާ އަބްދުﷲ ވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ