ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން އިލްހާމަށް 30 މިލިއަން ރުފިޔާ ދިނިން: އަދީބު

ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލު ކުރުމަށްފަހު ދެ ފަނޑިޔާރަކު ވަކިކުރަން ވޯޓު ދިނުމަށް ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދަށް 30 މިލިއަން ރުފިޔާ ދެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދައުލަތާ ދެމެދު ހެދި ޕްލީ ބާގެއިން [ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމުގެ] ސިއްރު ބަޔާނުގައި އަދީބު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށްފަހު ދެން މަސައްކަތް ފެއްޓެވީ ދެ ފަނޑިޔާރަކު ވަކި ކުރެއްވުމަށެވެ. އެއީ އުނދަގޫ މަސައްކަތެއް ކަމަށެވެ. އެކަމުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާތީ އެވެ.
އެވާހަކަ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމްް ޝަރީފާއި ހިއްސާ ކުރެއްވުމުން އެކަމަށް 100 މިލިއަން ރުފިޔާއިން ވެސް ނުވާނެކަމަށް ޝަރީފު ވިދާޅުވި ކަމަށް އަދީބު ދެއްވު ބަޔާނުގައި ވިދާޅުވި އެވެ. އަދި އެވާހަކަ ރައީސް ޔާމީނަށް ދެންނެވިކަމަށާއި އެކަން ކުރުމަށް ކޮންމެވެސް ތާކުން އެއަދަދު ހޯއްދެވުމަށް ޔާމީނު އެންގެވިކަމަށް އަދީބު ވިދާޅުވި އެވެ. އެ ފައިސާ ޝަރީފަށް ލިބިލެއްވި ކަމެއް އެބަޔާނުން ސާފެއް ނުވެއެވެ.
އެހެންކަމުން އެކަމުގައި ފުރަތަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް ގާސިމް ހުންނެވީ ފަނޑިޔާރުންގެ އަދަދު ތިރިކުރުމުގެ ވިސްނުންފުޅުގައި ނޫންކަމަށް އަދީބު ވިދާޅުވި އެވެ.
ގާސިމްގެ ވިސްނުންފުޅު ހުންނެވިގޮތް އެނގިވަޑައިގެންނެވުމުން އަދީބު ދެން ވާހަކަ ދެއްކެވީ އެޕާޓީގެ މެމްބަރު އިލްހާމާއެވެ. އަދީބު ދެންނެވި ތާރީޚުގައި އިލްހާމް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. އިލްހާމް ޕީޕީއެމާ ގުޅިވަޑައިގަތީ އޮކްޓޯބަރު 20، 2016ގަ އެވެ. އޭގެ ފަހުން އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އޭނާ ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
ފަނޑިޔާރުން ވަކި ކުރެއްވުމަށް ޖޭޕީން ވިޕެއް ނެރުމަށް އަދީބު ވިދާޅުވިގޮތުން އިލްހާމަށް ފުރަތަމަ ހުށައެޅުއްވީ 50 މިލިއަން ރުފިޔާ ދެއްވުމަށެވެ. ނަމަވެސް ރައީސް ޔާމީން އެއަށް އެއްބަސް ނުވީ އެވެ. ރައީސް ޔާމީން އެއްބަސް ނުވުމުން 30 މިލިއަން ރުފިޔާއަށް އެ އަދަދު ދަށް ކުރެއްވީ އެވެ. އެފައިސާ ހަމަ ކުރީ އަދީބު ވިދާޅުވިގޮތުން ރެޑްވޭވް އަހުމަދު ސަލީމް[އޭދަފުށީ ދާއިރާގެ މެމްބަރު] އާއި 'ރޫޓް ރާއްޕެ' އަތުންނެވެ. އެއީ ސަލީމް އަތުން 20 މިލިއަން ރުފިޔާ އަދި ރާއްޕެ އަތުން 10 މިލިއަން ރުފިޔާ އެވެ.
ސަލީމާއި ރާއްޕެ އަތުން ނެގި ފައިސާގެ ބަދަލުގައި އެސްއޯއެފްގެ ޑޮލަރު ޗެކު ދެއްވި ކަމަށް ވެސް ސިއްރު ބަޔާނުގައި ވިދާޅުވެ އެވެ.
ވޯޓު ނެގުމުގެ ކުރިން 10 މިލިއަން ރުފިޔާ އިލްހާމާއި ހަވާލު ކުރެއްވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވީ ވޯޓުގެ ފަހުން ވެސް އިތުރު 20 މިލިއަން ރުފިޔާ އޭނާ ވާނީ އިލްހާމާއި އެކި ފަހަރު މަތިން ހަވާލު ކުރައްވާފަ އެވެ.
2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފަ އެވެ. އެއަށް ޕީޕީއެމްއާއި ޖޭޕީއާއި އެމްޑީޕީގެ މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ