ސުޕްރީމް ކޯޓުގައި ހިނގާ ކަންކަމާ ބެހުމަކީ ރައީސްގެ ޒިންމާއެއް ނޫން: އަމީތު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގާ އެެއްވެސް ކަމަކާ ބެހިވަޑައިގަތުމުގެ ޒިންމާ ރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެމަނިކުފާން ސުޕްރީމް ކޯޓަށް ބިރުދައްކާފައިވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައެވެ. އަމީތު އިޝަރާތް ކުރައްވާފައި މިވަނީ ޕީޕީއެމްއިން ރޭ ރުމަލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަށެވެ. އަމީތު ވިދާޅުވީ އެޖަލްސާގައި ސުޕްރީމް ކޯޓު ހަމަމަގަށް އެޅުވުމުގެ ޒިންމާ ތިމަން މަނިކުފާނު އުފުއްލަވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަަމަށެވެ. އެހެންނަމަވެސް އެއީ ރައްޖޭގައި ހެދިފައި ހުރި އެއްވެސް ގާނޫނަކުން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ހައްގެއް ނޫންކަމުގައި ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ނަމުގައި ޗެޕްޓަރެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އެޗެޕްޓަރގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކުވިޔަސް ނުވަތަ ދައުލަތުގެ ވުޒާރައެއް ހިންގުމާ ހަވާލުވެގެން ހުރި މީހަކު ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިގާނޫނުގެ އެއްވެސް ހިސާބެއްގައި ސުޕްރީމް ކޯޓުގައި ހިނގާ ކަމަކާ ބެހުމުގެ ހައްގެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ދެއްވާފައި ނުވާ ކަމުގައި އަމީތު ވިދާޅުވިއެވެ.
" މިޗެޕްޓަރުގައި އަދި ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި އިސްތިސްނާއެއް ލިބިފައެއް ނެތް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ސުޕްރީމް ކޯޓުގައި ހިނގާ އެއްވެސް ކަމަކާ ބެހި، އަދި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ މައްސަލައެއް ސުޕްރީމްކޯޓަށް ހުށަހެޅިފައި އޮއްވާ އެކަމަކާ ބެހިވަޑައިގަތުން ނުވަތަ އެފަދަ ހާލަތެއްގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުން މިއީ އަޅުގަނޑުމެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް " އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ބަޔާންކޮށްފައިވާ ކަމަށާ އެމާއްދާގެ (ނ) ގައި ގަނޫނީ ވެރިކަން ކުރިއެރުން ބަޔާންކޮށްފައިވާ ކަމަށެވެ. އަމީތު ވިދާޅުވީ ސުޕްރީމްކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ގޮތެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ގާނޫނުގެ ވެރިކަން ކުރިއަރުވާ ނަގަހައްޓާ ދެމެހެއްޓުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއެއްކަން ފާގަކުރައްވާ އަމީތު ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތަކާ މިނިވަންކަން ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ