މަޖިލީސް ހުޅުވެންވާއިރަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ: މަހުލޫފު

ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް ރައީސް ޔާމީން މަގާމުން ދުރުކުރުމުގެ މައްސަލާގައި ގޮތެއް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ ހަތަރުވަރަކަށް މަސް ވަންދެން ލަންކާގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މަހުލޫފު ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަމަވޭތޯ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނަންވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ބުނަނީ ވެސް މެމްބަރުންގެ ޝަރުތު ގެއްލިއްޖެ ކަަމަށް ބަލައި ކަމަށާއި އެހެންކަމުން ރައީސްގެ ޝަރުތު ހަމަވޭތޯ ބެލުމަށް ހުށަހެޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިޔަސް ސުޕްރީމް ކޯޓަށް އެމައްސަލަ ބެލޭނެކަން ހުރިހާ ގާނޫނީ ވަކީލުންވެސް ގަބޫލުކުރައްވާ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންވާ ގޮތަށް ހުކުމް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެން އުޅުއްވަނީ ރައީސް ޔާމީންގެ ނުފޫޒު އޮތުމުން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އެޖާގަ ފަނޑިޔާރުންނަށް ލިބިވަޑައިގަތުމުން ކަންކަން ރަގަޅަށް ހިނގަމުންދާނެ ކަމަށެވެ. ސުޕްރީމް ކޯޓަށާއި ރައްޔިތުންގެ މަޖިލީހަށް އެބާރު ނެތް ކަމަށް ބުނާނަމަ، ރައީސް ޔާމީން ވެރިކަމަށް ގެނައީ ރައްޔިތުންނަށް ވުމުން ވެރިކަން ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ރައްޔިތުން ކުރުމަށް ގޮވާލެއްވިއެވެ.
އަންނަ ހޯމަ ދުވަހު މިއަހަަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވޭކަން ފާހަގަކުރައްވާ މަހުލޫފު ވިދާޅުވީ ރިޔާސީ ބަޔާން އިއްވަންވާނީ މަޖިލީހުގައި ކަމަށެވެ. އަދި އެޖަލްސާގައި ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންނަށް ވެސް ބައިވެރިވެވަޑައިގަނެވެން ޖެހޭނެ ކަމަށެވެ. އަދި އެޖަލްސާ ބާއްވަންވާއިރަށް ރައީސް ޔާމީން މަގާމުން ދުރުކުރުމުގެ މައްސަލާގައި ގޮތެއް ނިމޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރިޔާސީ ބަޔާން އިއްވަންވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް. އަދި 12 މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް. އެއްގޮތަަކަށް ވެސް ދަރުބާރުގޭގައި ޖަލްސާ ބާއްވާކަށް ނޫން ގާނޫނުއަސާސީގައި އޮންނަނީ. އެކަމަކު ވޭތިވެދިޔަ ހަތަރުވަރަަކަށް އަހަރު މިފެނުނީ އެހެން. އުންމީދު ކުރަނީ 5 ފެބްރުއަރީއާ ހަމައަށް ދާންވާއިރަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކުރެވި، 12 މެމްބަރުންނަށް މަޖިލީހަށް ވަދެވި އަދި ރިޔާސީ ބަޔާން މަޖިލީހުގެ ތެރޭގައި އިއްވިގެން ދިއުން. އެވެދާނެ ނާއިބުރައީސް އަބްދުﷲ ޖިހާދު ކަަމަށްވެސް ބަޔާން އިއްވަވާނީ. މިހާރު އެހެރީ މައްސަލަތައް ކޯޓުގައި" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ސަރުކާރު ދަނީ ވެއްޓެން ކަމަށާއި ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން ވެސް އެކަން އެނގޭ ކަމަށެވެ. ސަރުކާރު ދިފާއުކޮށްދޭން އެންމެ ކައިރީގައި ތިބި މީހުންނަށް ވެސް އެރޭ ރައީސް ޔާމީން ބަދުބަސް ރައްދުކުރައްވާފައިވާ ކަމަށެވެ.
މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވުމުން ރައްޔިތުން އާހިތްވަރެއް ލާންޖެހޭ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ޖަލަށްލިޔަސް ހެޔޮ ކަމަށް ވެރިކަން ބަދަލުކުރަން ނިކުންނަންޖެހޭ ކަމަށެވެ. އިންތިޚާބުގައި ރައީސް ޔާމީން ބަލިވާނެކަން ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އޭނަ ރާއްޖެ ވަޑައިގަތީ އަނއްކާވެސް ޖަލަށްނުލާނެ ކަމަށް ބަލައިގެން ނޫން ކަމަށާއި ޖަލަށްދާންޖެހުނަސް ހެޔޮ ކަމަށް ބަލައިގެން ކަމަށެވެ. މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން އިސްލާހީ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަންޖެހޭ ކަމަށާއި މިވަގުތު ރާއްޖެ ވަޑައިގަތީ އެހެންވެގެން ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ލަންކާގައި ހުންނަވަނިކޮށް އޭނަގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި މަހުލޫފު ވިދާޅުވީ ތިންމަސް ވަންދެން ޕާސްޕޯޓު ހިފެހެއްޓީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ. މިއަދު އޭނަ ރާއްޖެ ވަޑައިގަތްއިރު އެއްވެސް ދައްޗެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވާނެކަން ވެސް މަހުލޫފު އިއުލާން ކުރެއްވިއެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 9:30 ގައި އެމްޑީޕީ ހަރުގޭގައެވެ. މިޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މަހުލޫފު އިލްތިމާސް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ