ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަގަށް ނަގާފައިވާ ކަމަށް ބުނާ ފައިސާ ހޯދުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މިގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒެވެ. ގައުމީ މަޖިލީހަށް މިގަރާރު ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އެވެ.
މިގަރާރުގެ ބަހުސްގައި ގައުމީ މަޖިލީހުގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި އަދަދަށް އެހެން އެއްވެސް ސަރުކާރެއްގައި ހިޔާނާތުގެ އަމަލުތައް ހިންގާފައި ނުވާ ކަމަށެވެ.
މެންބަރުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ތުހުމަތުކޮށް އަދަބުތަކެއް ދިނުމަށްފަހު ރައީސް ޔާމީން އެ މައްސަލަތަކުން ބަރީއަވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ރައީސް ޔާމީންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް ބަލަންޖެހޭ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
މިވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ބުނާ ފައިސާ ހޯދަން އެމްޑީޕީން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ