ދުސްތޫރީ މައްސަލައެއްގައި ގޮތް ނިންމުމަށް ސުޕްރީމް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ.
ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް ހުށަހެޅުއްވި މިމައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު އެވެ. މިމައްސަލާގައި ދައުވާ ލިބޭ ފަރާތެއް ބުނެފައެއް ނުވެ އެވެ.
މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތް ގޮތަށް އެޓާނީ ޖެނަރަލް އޮފީހުން ހުށަހެޅި މިމައްސަލައިގެ އެއްވެސް މައުލޫމާތެއްް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެޓާނީ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުމާ ގުޅޭ މައްސަލަ އެކެވެ.
ދައުވާ ލިބޭ ފަރާތެއް ސާފު ނުވާ ގޮތަށް ހުށަހަޅާ އެކްސްޕާޓޭ މައްސަލަ ތަކުގައި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ގޮތްތަކެއް ނިންމާފައިވެ އެވެ. އެގޮތުން އެންމެ ފަހުން މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.
އެދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގައި އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި ވަޒީރުން މަގާމުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ކަނޑައަޅައި ދިނުމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސްޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.
ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިޞާސް ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށެވެ. މިފަދަ މައްސަލަތަކުގައި ގާނޫނެއް ނުވަަތަ ގަވައިދެއްގެ ބަޔަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާތަކެއް ކަމާ މެދު ގޮތްތަކެއް ނިންމާނެ އެވެ.
ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއްގެ އަޑުއެހުމެއް މިއަދު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ