ޖީއެމްއާރުގެ މައްސަލަ ނިމޭނީ އަޅުގަނޑުމެންގެ ވިސްނުމާއި އެއްގޮތަށް: ގާސިމް އިބްރާހީމް

ގައުމުގެ ހަރުމުދާ ވަކި ބައެއްގެ ލާބަޔާ މަންފާ ލިބޭ ގޮތަށް ދޫކޮށްލުމަކީ އެއްވެސް ވެރިޔަކަށް އޮތް ހައްގެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ދި އައިލެންޑް ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއެކު އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލުކުރުމާއި ގުޅިގެން ޖީއެމްއާރުން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނެ ކުރައްވާފައިވާ ސުވާލުގައި ގާސިމް އިބްރާހީމް ވިދާޅުވީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެ މައްސަލައިގައި ކާމިޔާބު ލިބިވަޑައިގަންނަވާ ކަމަށް ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެކަން ނިމިގެން އަންނާނީ އަޅުގަނޑުމެންގެ ވިސްނުމާއި އެއްގޮތަށް ކަމަށް. ސަބަބަކީ ލީސް އެގްރިމެންޓް ޖީއެމްއާރާއެކު ހަދާފައިވަނީ ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާގޮތަށް ކަމަށްވާތީ. އެހެންވެގެން އަޅުގަނޑުމެންގެ ގާނޫނު ހަދާ މަޖިލީހުން އެއަށް [އެއްބަސްވުމަށް] ދެކޮޅު ހެދީ. ގާނޫނާ ހިލާފު އެއްބަސްވުމެއް ދެމެހެއްޓޭނެ ގޮތެއް ނެތް،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ކުރީގެ ރައީސް ރައީސް ނަޝީދުގެ ސަރުކާރަށް ގާސިމް އިބްރާހީމް ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅޭގޮތުންވެސް ނޫހުން ވަނީ ސުވާލުކުރައްވާފަ އެވެ. އެގޮތުން ނަޝީދުގެ ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ގާސިމް އިބްރާހީމް ކެމްޕޭންގައި ވިދާޅުވެފައިވާތީ އެކަމުގައި ތަހުގީގު ހިންގާނެތޯ ސުވާލުކުރެއްވުމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ވިދާޅުވި އެއްޗެއްގެ ހެކި ފެންނަން އެބަހުރި ކަމަށެވެ.
"އަޅުގަނޑު ބުނި ވާހަކަތައް އެހުރީ އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި. ރާއްޖޭގައި މިނިވަން ޕްރޮސެކިއުޓާ ޖެނަރަލް އެއް އެބަހުރި. ވީމާ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަކީ އޭނާގެ އަތްމަތީގައިވާ ކަމެއް" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ނަގަހައްޓައި ކޮޅަށް ޖެހުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އާ ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމަށް ޖުމްހޫރީ ޕާޓީން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ފައްތަރަކަށް ވެއްޓިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގެން ވެރިކަމުގައި ހޭދަކުރެއްވި ތިން އަހަރު ދުވަހު ދުރު މުސްތަގުބަލަކަށް ނުވިސްނަވާ ނިންމަވާފައިވާ ނިންމުންތަކާއި ގުޅިގެން ކަމަށެވެ. އެކަމާއި ގުޅިގެން ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުމަށް ވަގުތުތަކެއް ނަގާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުން އެބައޮތް. އަޅުގަނޑަށް ޔަގީން ރައީސް ޔާމީން އިގްތިސާދު ހަމައަކަށް އަޅުވާނެކަން. ދައުލަތުގެ ދަރަނި ކުޑަކުރާނެކަން. އަދި ހަމައެއާއެކު ބަޖެޓް ދަރަނި ކޮންޓްރޯލް ކުރާނެކަން" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ އިގްތިސާދު ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ މައިގަނޑު ސަބަބަކީ ނަޝީދުގެ ސަރުކާރަކީ ގައުމިއްޔަތުގެ އެއްވެސް ސިފައެއް ނެތް ސަރުކާރަކަށްވުމުގެ އިތުރުން އޭރުގެ ސަރުކާރުން ގައުމު"ފުނޑާލުމަށް" ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަން ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރަމުން އައި އިތުބާރު އަލުން އިޔާދަކުރެވުމުން އިގްތިސާދު ވެސް ހަމައަކަށް އެޅިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ މާލީ ސިޔާސަތާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށްފަހު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ކެބިނެޓް ވަޒީރުންގެ މުސާރަތައް މިހާރު ކުޑަކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާއި ގުޅިގެން ސިވިލް ސާވަންޓުގެ މުސާރަތަކަށް ބަދަލު ގެނެވޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކިތަންމެ ދަތި އުނދަގޫކަމެއް ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ ކުރަން ޖެހިފައިވާކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ދި އައިލެންޑު ނޫހުން ގާސިމް އިބްރާހިމް ސިފަކުރައްވާފައިވަނީ އާދައިގެ ރައްޔިތެއްގެ ގޮތުގައި ނިކުމެވަޑައިގެން ބުރަ މަސައްކަތުން ކާމިޔާބު ހޯއްދަވައިގެން ސިޔާސީ އަދި ގައުމުގެ މުހިންމު ކަންކަމުގައި އެންމެ ނުފޫޒުގަދަ ބޭފުޅާގެ މަގާމު ހޯއްދެވި ބޭފުޅެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ