ކުދިން ތަރުކާރީ ކެއުމަށް ބޮޑާހާކާތީ ކަންބޮޑުވޭތަ؟، މިކަން ކަމަށް ސަމާލުކަންދީ
ކުދިން ކެއުމުގެ ކަންތައްތައް ތަޖުރިބާކުރުމުގައި ގެންނަ ކުދިކުދި ބަދަލުތަކުގެ ސަބަބުން، އެކުދިން ކައިބޮއި އުޅޭ ތަކެއްޗަށް ދާއިމީ އަސަރުތަކެއް ކުރެއެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ތަރުކާރީއާ ކުދިން ބީރައްޓެހި ވުމަކީ ވަރަށް ގިނަ މައިންބަފައިން ކަންބޮޑުވާ މައްސަލައެކެވެ. އެހެންކަމުން އެކަށީގެންވާ މިންވަރަށް ކުދިންނަށް ތަރުކާރީ ކާންދިނުމަކީ ބައެއްފަހަރު ބޮޑު ގޮންޖެހުމަކަށްވެއެވެ. މީގެ އެއް ސަބަބަކީ ކުޑައިރުއްސުރެ ކުދިން ފޮނިކާ ތަކެއްޗަށް ލޯބިކުރުމެވެ. އެންމެ ތުއްތުއިރު މައިމީހާގެ ގާތުންދެވޭ ކިރުގައިވެސް ގުދުރަތީ ހަކުރު އެކުލެވިގެންވުމުން، އޭގެ ރަހަ ފޮނިވެއެވެ. އެހެންކަމުން، އެކުދިން އާދައިގެ ކާތަކެތި ކާން ފަށާއިރު، ބްރޮކޮލީ ނުވަތަ ސްޕިނެޗް ފަދަ ތަރުކާރީ ކާންދިނުމަކީ އުނދަގޫ ކަމަކަށްވެއެވެ. ނަމަވެސް، ކުދިންގެ ހަށިގަނޑަށް އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ހިމެނޭ ސިއްހީ ގޮތުން ފައިދާހުރި ކެއުމެއް ބޭނުންވެއެވެ. ނުރަނގަޅު ކެއުމުގެ ސަބަބުން ކުއްޖާގެ ވިސްނުމަށާއި، ސަމާލުކަން ދިނުމަށާއި، އަދި އުނގެނުމުގެ ހުނަރަށް ނޭދެވޭ އަސަރުކުރާއިރު، އެކުދިން ފަލަވުމުގެ މައްސަލައަކީ ވެސް މިފަހަކަށް އައިސް ވަރަށް ގިނަ މައިންބަފައިންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ބެލެނިވެރިންނަށް އޮތް އުފާވެރި ހަބަރަކީ، ކުދިން ކެއުމަށް ބޭނުންކުރާ އާދަތައް ރަނގަޅުކުރުމަށް ސައިންސްވެރިން އައު އަދި ފަސޭހަ ގޮތްތަކެއް ހޯދާފައިވުމެވެ. ތިރީގައި މިވަނީ ތަޖުރިބާކޮށްލެވިދާނެ ހަ ކަމެކެވެ. 1- ތަކުރާރުކޮށް ތަރުކާރީ ކުދިންނަށް ތައާރަފްކުރުން: ލީޑްސް ޔުނިވަސިޓީގެ ޕްރޮފެސަރު މެރިއަން ހެދަރިންގްޓަން ވިދާޅުވާ ގޮތުގައި، ކުޑަކުދިންނަށް ތަފާތު ބާވަތްތަކުގެ ތަރުކާރީ ގިނަގިނައިން ތައާރަފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުދިން ތަރުކާރީއަށް ލޯބިކުރުވުމަށް އެންމެ ރަނގަޅު ވަގުތަކީ ސްކޫލަށް ދާން ފެށުމުގެ ކުރީގެ އަހަރުތައް ކަމަށް އޭނާ ވިދާޅުވެއެވެ. ވަކި ބާވަތެއްގެ ކާއެއްޗަކަށް ކުއްޖާ ހޭނުމަށްޓަކައި ފަހެއް ނުވަތަ 15 ފަހަރާ ދެމެދުގެ އަދަދަކަށް އެ ކާއެއްޗަކަށް ކުއްޖާ އަހުލުވެރިކުރުވުމުގެ ގޮތުން އެ ދިނުން މުހިއްމެވެ. ކުދިންނަށް ވަކި އެއްޗެއް ކާން މަޖުބޫރުކުރުމަކީ ކެއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެ، ނުރަނގަޅު އާދަތަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރައްވާ--ފޮޓޯ/ބީބީސީ 2- އެންމެ ފުރަތަމަ ތަރުކާރީ ދިނުން: ކާއެއްޗަކީ "ސިއްހަތަށް ފައިދާހުރި" އެއްޗެއް ކަމަށް ބުނުމުގެ ބަދަލުގައި، އެއީ "މީރު" އެއްޗެއް ކަމަށް ބުނުމުން ކުދިން އެ ކެއުމަށް ޝައުގުވެރިވާ މިންވަރު އިތުރުވެއެވެ. ކުދިން ވަރަށް ބަނޑުހައިވެފައި ތިބޭ ވަގުތު، ކެއުމުގެ އެންމެ ކުރިއަށް ތަރުކާރީ ދިނުމަކީ އެ ކެއުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. އެހެން ކާތަކެއްޗާ އެކު ތަރުކާރީ ދިނުމުން، ކުދިން ގިނައިން އިހްތިޔާރުކުރާނީ އެކުދިންނަށް އެންމެ މީރު އެއްޗެކެވެ. އެހެންކަމުން އެހެން ތަކެތި ދިނުމުގެ ކުރިން ތަރުކާރީ ދިނުން ރަނގަޅެވެ. 3- ސިއްހީ ގޮތުން ފައިދާހުރި ތަކެތީގެ މިންވަރު އިތުރުކުރުން: ތަރުކާރީގެ މިންވަރު އިތުރުކުރުމަށްޓަކައި، ކެއުމުގައި ހިމެނޭ ކެލޮރީ ގިނަ ތަކެތި މަދުކޮށް ތަރުކާރީ ގިނަކުރެވިދާނެއެވެ. މިސާލަކަށް، ސޯސް ފަދަ ތަކެތީގެ ތެރެއަށް ކެރެޓް، ކެބެޖް ފަދަ ތަކެތި ގާނާފައި އެއްކުރެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކުއްޖާގެ ތަށީގައި ހުންނަ މޭވާއާއި ތަރުކާރީގެ މިންވަރު 50 އިންސައްތަ އިތުރުކުރުމުން، އެކުދިން ކާ މިންވަރުވެސް އިތުރުވެއެވެ. 4- ތަރުކާރީ ފެންނަ ގޮތް ބަދަލުކުރުން: ކުދިން ކާން ބޭނުންވާ ތަކެތި އިހްތިޔާރުކުރުމުގައި އެ އެއްޗެއް ފެންނަ ގޮތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ތަރުކާރީތައް ތަފާތު ބައްޓަންތަކަށް ކޮށުމުން އެ ކެއުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވެއެވެ. އަދި ތަރުކާރީތައް ކުދިންނަށް ފަސޭހައިން އަތުޖެހޭނެހެން ބެހެއްޓުމަކީވެސް ކެއުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. 5- އެކުގައި ކެއުން: ބެލެނިވެރިން ކައިބޮއި އުޅޭ ގޮތަކީ ކުދިންގެ ކެއުމުގެ އާދަތަކަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. ބެލެނިވެރިން ސިއްހަތަށް ފައިދާހުރި ކެއުންތައް ބޭނުންކުރާނަމަ، ކުދިންވެސް އެގޮތަށް އަމަލުކުރުމުގެ ފުރުސަތު ބޮޑެވެ. ހަފުތާއަކު މަދުވެގެން ތިން ފަހަރު އާއިލާ އެކުގައި ކެއުމަކީ ކުދިންގެ ސިއްހަތަށާއި ކެއުމުގެ އާދަތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. 6- ކެއުމަކީ މަޖާ ކަމަކަށް ހެދުން: ކުދިންނަށް ވަކި އެއްޗެއް ކާން މަޖުބޫރުކުރުމަކީ ކެއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެ، ނުރަނގަޅު އާދަތަކަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި، ކުދިންނަށް ތަރުކާރީއާ ކުޅެ، އޭގައި އަތްލައި، އޭގެ ވަސް ބަލައި ހެދުމަށް ފުރުސަތު ދިނުމުން، އައު ބާވަތްތަކަށް ހުންނަ ބިރުވެރިކަން ކުޑަވެއެވެ. އަދި ކެއްކުމުގައި ކުދިން ބައިވެރިކުރުމަކީވެސް އެކުދިން ނުދަންނަ ބާވަތްތައް ކާން ބޭނުންވާ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދިނުމުން، ހަމައެކަނި ވަކި ކުލައެއްގެ ނުވަތަ ވަކި ބާވަތެއްގެ ކާތަކެތި ކާ ކުދިން، ތަފާތު އަދި ފައިދާހުރި ތަރުކާރީތައް ކެއުމަށް އާދަވެގެންދާނެ ކަމަށް ޕްރޮފެސަރު މެރިއަން ލަފާދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ