ޔުނިސެފުން ރާއްޖެއަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒު ހަދިޔާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ވެކްސިނަކީ ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލްކުރުމަށް ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފުގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް ބާރު އަޅުއްވައި ގީލާ ވިދާޅުވީ އަމިއްލަ ނަފްސާއި އާއިލާގެ ރައްކާތެރިކަމަށްޓަކާ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.
"ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ ތިމާގެ އާއިލާ އާއި މުޖުތަމައާއި އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަލިތަކަށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަަޅެއް." މިިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމަށް މުހިއްމު ދައުރެއް އަދާކުރާނެ އެހީއެކެވެ.
މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން 5،495 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ދަނީ ކުރަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިއްޔެ އާންމުކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވެ އެވެ. އަދި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަ ކުއްޖަކަށެވެ.
ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލާފައިވާ ބައްޔެކެވެ. އެހެންނަމަވެސް ދޭތެރެއަކުން އެ ބަލި ޖެހިފައިވާ މީހުން ރާއްޖެއިން ފެނިފައިވެ އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 ޑޯޒުގެ މީސަލްސް ވެކްސިން ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ