15 ބަލި މީހަކު މަރާލިކަން ސާބިތުވި ޖަރުމަނުގެ ޑޮކްޓަރު އުމުރަށް ޖަލަށް

ޖަރުމަނުވިލާތުގައި ޑޮކްޓަރަކު އޭނާގެ ބެލުމުގެ ދަށުގައި ތިބި 15 ބަލިމީހަކު މަރާލިކަން ސާބިތުވެ، އުމުރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖަރުމަނުގެ ޕްރައިވެސީ ގަވާއިދުތައް އޮންނަ ގޮތުން، ބާލިންގެ ކޯޓަކުން ބުދަ ދުވަހު ކުށް ސާބިތުވި އުމުރުން 41 އަހަރުގެ މި ޑޮކްޓަރުގެ ނަން ހާމަކޮށްފައިވަނީ ޔޯހަންސް އެމްގެ ގޮތުގަ އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ސެޕްޓެމްބަރު 2021 އާއި ޖުލައި 2024 އާ ދެމެދު 12 އަންހެނުންނާއި ތިން ފިރިހެނުން މަރާލި ކަމުގެ ކުށެވެ.
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
MGH Group of Companies
މި ޑޮކްޓަރާ ގުޅުން ހުރި އިތުރު 76 ހާދިސާއެއް ޕްރޮސެކިއުޓަރުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާތަކުގައި މަރުވި މީހުންގެ އުމުރަކީ 25 އަހަރާއި 94 އަހަރާ ދެމެދެވެ. ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ އެންމެންނަކީ ވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުން ނަމަވެސް، އެއީ ވަގުތުން މަރުވާނެ ފަދަ ހާލަތެއްގައި ތިބި ބައެއް ނޫނެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި، ބަލިމީހުންގެ ގޭގެއަށް ގޮސް ފަރުވާ ދިނުމުގެ ތެރޭގައި، އެ މީހުންގެ އެއްވެސް ރުހުމެއް ނެތި، ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ ބޭސްތަކެއް އެއްކޮށްގެން އެ މީހުންގެ ގަޔަށް ޑޮކްޓަރު ވަނީ ޖަހާފަ އެވެ.
އަދި އޭނާ ކުރި ކުށުގެ ހެކި ނައްތާލުމަށްޓަކައި ބައެއް ފަހަރު އެ މީހުން ދިރިއުޅޭ ގޭގޭގައި އަލިފާން ރޯކޮށްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުންޏެވެ.
ޖުލައި 2024 ގައި އޭނާ ހައްޔަރުކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އެއް ދުވަހެއްގެ ތެރޭގައި ދެ ބަލިމީހަކު މަރާލާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. އެއީ ބާލިންގެ މެދުތެރޭގައި ހުރި ގެއެއްގައި ދިރިއުޅުނު އުމުރުން 75 އަހަރުގެ ފިރިހެނަކާއި، އޭގެ މަދު ގަޑިއިރުތަކެއް ފަހުން ކައިރި އަވަށެއްގައި ދިރިއުޅުނު އުމުރުން 76 އަހަރުގެ އަންހެނެކެވެ.
އެ އަންހެން މީހާ މަރާލުމަށްފަހު، އޭނާ ދިރިއުޅުނު ގޭގައި އަލިފާން ރޯކުރަން ޑޮކްޓަރު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.
އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ޝަރީއަތުގެ ބޮޑު ބައެއްގައި އެ ޑޮކްޓަރު ހުރީ ހަނުހިމޭނުންނެވެ. ނަމަވެސް، މިދިޔަ މަހު އޭނާ ވަނީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދިޔަ 12 ބަލިމީހަކު "މަރާލި" ކަމަށް އިއުތިރާފުވެފަ އެވެ.
ކޯޓުގައި ވާހަކަދައްކަމުން އޭނާ ބުނީ، އެ މީހުންނަށް ލިބެމުންދިޔަ "ވޭނާއި ނިކަމެތިކަމުން" ސަލާމަތްކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާގެ އަމިއްލަ ނަފްސަށް ގަބޫލުކުރެވުނު ކަމަށެވެ.
އަދި އޭނާގެ ސަބަބުން ލިބުނު ހިތާމަތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި މައްސަލަތައް ސާބިތުވެއްޖެ ނަމަ، މިއީ ޖަރުމަނުގެ ތާރީޚުގައި ވެސް ފެނިގެންދާނެ އެންމެ ނުރައްކާތެރި ސިލްސިލާ ގާތިލުގެ މައްސަލައަށް ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ