އެމްޑީޕީން ރާއްޖެ ޑިޖިޓަލް ކުރަނީކަމަށްބުނެ ވޯލްޑް ބޭންކަށްވެސް އޮޅުވާލި: ޝުޖާއު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖެ ޑިޖިޓަލް ކުރުމުގެ ނަމުގައި ވޯލްޑް ބޭންކަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ 3 ޖުލައި 2022 ގައި ރާއްޖެ ޑިޖިޓަލް ކުރުމަށްޓަކައި ވޯލްޑް ބޭންކުން 157 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝުޖާއު ވަނީ މި ސަރުކާރަށް ގޮވާލުމެއް ވެސް ހުށަހަޅުއްވާފައެވެ. އޭނާ ގޮވާލެއްވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ނަމުގައި ވޯލްޑް ބޭންކުން ނެގި ފައިސާ ވީތަނެއް ހޯދުމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ އީ-ވޯޓިންއަށް ދާން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދީ، ރާއްޖެއަކީ "ޕޭޕާލެސް" ގައުމަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު މާލެ ސިޓީ ޑިޖިޓަލް ކުރުމަށް ކުރެއްވި މަސައްކަތްތަކަށް ޝުޖާއު ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މޭޔަރުކަމުގައި ރައީސް މުޢިއްޒު ގާއިމުކުރެއްވި ނިޒާމުގެ ސަބަބުން ކައުންސިލުން ހިދުމަތް ހޯދާ ރައްޔިތުންނަށް ކަރުދާސްބޮނޑި ހިފައިގެން ދާން ނުޖެހޭ ކަމަށާއި، ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުވެގެން ދިޔަ ކަމަށެވެ.
ޝުޖާއު ވާހަކަ ނިންމާލަމުން ވިދާޅުވީ މި ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަނީ ކަމެއް ކުރުމަށް ކަމަށާއި، މި ސަރުކާރުން އެ ފައިސާ ހޭދަކުރާނީ އެކަމެއް ކުރުމަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ