24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ކުރާ ޚަރަދު ކުޑަކޮށް، ރާއްޖޭގެ ހަކަތައިގެ މިނިވަންކަން ކަށަވަރުކުރުމެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއު ކުރިއަށްދާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް އިސްކަންދީގެންކަމަށެވެ. މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. މިގޮތުން 24 ރަށެއްގައި ގާއިމުކުރެވޭ 50 މެގަވޮޓުގެ މި ނިޒާމާއެކު، އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިބޭނެ މަގު ތަނަވަސްވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ވަނީ ކޮށްފައެވެ. ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު 101 ރަށެއްގައި ޖުމްލަ 164 މެގަވޮޓްގެ ސޯލަރ ޕީވީ ހައި ބްރިޑް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރުވެސް 158 މެގަވޮޓްގެ ބެޓްރީ ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްރަށުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރެވިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ