ފަނޑިޔާރުންގެ ފޮޓޯތައް ޖޭއެސްސީގެ ސައިޓުން ނަގައިފި؛ ބުނީ އަޕްރޭޑްކުރުމުގެ މަސައްކަތެއް ކުރަނީ ކަމަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވެބްސައިޓްގައި ފަނޑިޔާރުންގެ ފޮޓޯތައް ޝާއިއުކޮށްފައިވާ ޕޭޖުން އެ ފޮޓޯތައް ނުފެންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ވީކިހިނެއް؟ - ޖޭއެސްސީ ވެބްސައިޓްގެ އެ ޕޭޖުގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ އެހެން ކޯޓުތަކުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތައް ވެސް ހިމެނޭ ގޮތަށް ފަނޑިޔާރުކަން ކުރައްވާ ހުރިހާ ބޭފުޅުންގެ ނަމާއި މަގާމު އަދި ފޮޓޯ ހިމެނެ އެވެ. އަދި ކޮންމެ ފަނޑިޔާރެއްގެ ނަން ސާޗުކޮށްގެން ހޯދޭ ގޮތަށް އިންނަ ފީޗާއެއް ވެސް ހިމެނެ އެވެ.
ނަމަވެސް މި ފަހުން އެ ޕޭޖުން ފެންނަނީ ފަނޑިޔާރުންގެ ނަމާއި މަގާމު އަދި މަސައްކަތްކުރައްވާ ކޯޓުގެ މައުލޫމާތު ހިމެނޭ އެކްސެލް ޝީޓެއް އެކަންޏެވެ.
ތަފްސީލް - މިކަމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ވެބްސައިޓްގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރިއަށްދާތީވެ މި ވަގުތަށް ޕޭޖް ޑައުންކޮށްފައިވާ ކަމަށެވެ.
ވެބްސައިޓްގެ އަޕްގްރޭޑިން މަސައްކަތްތައް ނިމޭނެ އިރެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ފަހުން ނެރުނު ބައެއް އަމުރުތަކާއި ހުކުމްތަކާ މެދު ބައެއް މީހުން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުމާއި އެކި ޝުއޫރުތައް ފާޅުކޮށްފައި ވަނީ، ޖޭއެސްސީގެ ސައިޓުގައި ހިމެނޭ ފަނޑިޔާރުންގެ ފޮޓޯ ވެސް ހިމަނައިގެނެވެ.
ފަނޑިޔާރުންގެ ފޮޓޯތައް ވެބްސައިޓުން ނަގާފައި މި ވަނީ އެފަދަ ބައެއް ޕޯސްޓްތައް ދައުރުކުރުވުން ފަދަ ކަންކަން ހިނގާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ