މަސްތުވާތަކެއްޗާއެކު މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 05 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރުއެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ.
އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ