ތައިލެންޑުން މުޅިން އާ ބާވަތެއްގެ ޑައިނަސޯއެއް ފެނިއްޖެ

ތައިލެންޑުގެ އުތުރު އިރުމަތީގައި އޮންނަ ރަށަކުން މީގެ ކުރިން ފެނިފައި ނުވާ އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިތައް ފެނިއްޖެ އެވެ.
"ޔުރަގަސޯރަސް ކަލާސިނެންސިސް"ގެ ނަންދީފައިވާ މި ޑައިނަސޯއަކީ މީގެ ގާތްގަނޑަކަށް 150 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު އެއްޗެއް ކަމަށް ބެލެވެ އެވެ. 
އާދަޔާ ހިލާފަށް ދިގު ކަރެއް ލިބިފައިވާ މި ޑައިނަސޯގެ ދިގުމިނުގައި 20 މީޓަރު ހުރެ އެވެ. މިއީ ގާތްގަނޑަކަށް ކްރިކެޓް ކުޅޭ ޕިޗެއްގެ ދިގުމިނެވެ.
ތައިލެންޑުގެ މަހަސަރަކަމް ޔުނިވާސިޓީގެ ޑރ. އަޕިރުތު ނިލްޕަނަޕަން ވިދާޅުވީ، މި ޑައިނަސޯގެ ކަށިތަކަކީ 2008 ވަނަ އަހަރު އެ ސަރަހައްދުގެ މީހަކަށް ކަށިތަކެއް ފެނުމާ ގުޅިގެން ފާހަގަކުރެވުނު ސައިޓަކުން ފެނުނު ގިނަ އަދަދެއްގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.
މި ހޯދުން ހޯދި "ޕޫ ނޯއި" ނަމަކަށް ކިޔާ ސަރަހައްދަކީ "ލޭޓް ޖުރަސިކް" ޒަމާނުގެ ތަފާތު އެކި ބާވަތްތަކުގެ އާސާރީ ކަށިތައް ފެނިފައިވާ ތަނެކެވެ. އެ ސަރަހައްދުން ކޮނެގެން ނެގި އާސާރީ ތަކެތީގެ 90 އިންސައްތައަށް ވުރެ ގިނައީ ޑައިނަސޯގެ ކަށިތަކެވެ.
ސާވޭ ޓީމުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ޑައިނަސޯގެ ދަތްތަކާއި ކަށިތައް ފަދަ އެހެނިހެން އާސާރީ ތަކެތި ވެސް ވަނީ ފެނިފަ އެވެ.
ނަމަވެސް، މިއީ މުޅިން އާ ބާވަތެއްގެ ޑައިނަސޯއެއްކަން ދެނެގަނެވުނީ ފެނުނު ބުރަކަށީގެ މެދު ނުވަތަ މަތީ ބައިގެ ކަށިގަނޑަކުން ފާހަގަވި ތަފާތު ސިފަތަކެއްގެ ސަބަބުންނެވެ.
ސީޓީ ސްކޭންތަކުން ދެއްކި ގޮތުގައި، މި ޑައިނަސޯއަކީ "މެމެންޗިސޯރިޑޭ" އާއިލާގެ "ސޯރޮޕޮޑް" ޑައިނަސޯއެކެވެ. މި އާއިލާގެ ޑައިނަސޯތަކަކީ އާދަޔާ ހިލާފަށް ދިގު ކަރު ހުންނަ އެއްޗެހި ކަމަށްވާއިރު، އެއީ ތަފާތު އުސްމިންތަކުގައި ހުންނަ ގަސްގަހާގެހި ކެއުމަށް އެހީތެރިވެދޭ ސިފައެކެވެ.
"މެމެންޗިސޯރިޑޭ" އާއިލާގެ ގިނަ ކަށިތައް މީގެ ކުރިން ފެނިފައިވަނީ ޗައިނާއިން ކަމަށްވާއިރު، މިއީ މި އާއިލާގެ ޑައިނަސޯއެއް ތައިލެންޑުން ފެނުނު ފުރަތަމަ ފަހަރެވެ.
މި ހޯދުމާ ގުޅޭ ދިރާސާ މި ހަފުތާގެ ކުރީކޮޅު ވަނީ ސައިންޓިފިކް ޖާނަލް "ނޭޗާ"ގައި ޝާއިއުކޮށްފަ އެވެ.
މިދިޔަ މޭ މަހު ވެސް ތައިލެންޑުން ކޮނެގެން ނެގި ކަށިތަކަކުން، ދިގު ކަރު ހުންނަ ގަސްކާ ޑައިނަސޯގެ އެހެން ބާވަތެއް ކަމަށްވާ "ނަގަޓައިޓަން" ސައިންސްވެރިން ވަނީ ދެނެގަނެފަ،އެވެ.
"ނަގަޓައިޓަން" އަކީ މިހާތަނަށް ދެކުނު އިރުމަތީ އޭޝިއާއިން ފެނުނު އެންމެ ބޮޑު ޑައިނަސޯ އެވެ. މީގެ ބަރުދަނުގައި 27 ޓަނު ހުންނައިރު، ދިގުމިނުގައި 27 މީޓަރު ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ