އިންގްލޭންޑްގެ ވޯލްޑް ކަޕް ޓީމުން ޖޫޑް ބެލިންހަމްއަށް ޖާގަ ލިބޭނެތޯ ކުރިން ބަހުސްކުރި ހަނދާން މިހާރު ހުރީ ކާކު ހެއްޔެވެ؟
އުމުރުން އެންމެ 23 އަހަރުގެ މި ސުޕަސްޓާރު މިހާރު ވެފައިވަނީ މުޅި މުބާރާތުގައިވެސް ފެންނަ އެންމެ މުހިންމު އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއަށެވެ. 4 ލަނޑާއި ހެރީ ކޭންއަށް ތަނަވަސްކޮށްދިން ހިތްގައިމު އެސިސްޓާއެކު، އެމެރިކާގައި ތިބި އިންގްލޭންޑްގެ ސަޕޯޓަރުން ތިބީ އޭނާގެ ހުނަރަށް އާޝޯހުވެފަ އެވެ.
އުމުރުން އެންމެ 16 އަހަރުގައި ބާމިންގްހަމް ސިޓީން ކެރިއަރު ފެށި ބެލިންހަމްގެ މޮޅުކަން އޭރުވެސް ސްކައުޓުންނަށް ފާހަގަވިއެވެ. އެ ކްލަބުގައި އެންމެ 44 މެޗު ކުޅުނު ނަމަވެސް، އޭނާ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ބަދަލުވުމުން ބާމިންގްހަމްއިން ވަނީ އޭނާގެ 22 ނަންބަރު ޖާޒީ އެހެން ކުޅުންތެރިއަކަށް ނުދޭން ނިންމާފަ އެވެ. އޭގެ ފަހުން ރެއާލް މެޑްރިޑާއެކު ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އޭނާ ވެގެންދިޔައީ ދުނިޔޭގެ ފެންވަރުގެ 'ގަލަކްޓިކޯ' އަކަށެވެ.
ބާމިންގްހަމްއަށް ކުޅުނު މެޗެއްގެ ތެރެއިން ޖޫޑް ބެލިންގްހަމް--- ފޮޓޯ: ގެޓީ އިމޭޖަސް
ޔޫރޯ 2024 ގައި އޭނާ ޖެހި ބައިސިކަލް ކިކް ލަނޑާއި 'ހޫ އެލްސް' (އަހަރެން ނޫން ދެން ކާކު؟) އުފާފާޅުކުރުމާއެކު، ބައެއް މީހުން އޭނާގެ ކިބައިން 'މެއިން ކެރެކްޓާ ސިންޑްރޯމް' ނުވަތަ ބޮޑާކަމެއް ފާހަގަކުރި އެވެ. އަދި އާ ކޯޗު ތޯމަސް ޓުޗެލްއާއެކު ޖެހުނު މައްސަލަތަކެއްގެ ސަބަބުން، ދާދި ފަހުން އިންގްލޭންޑް ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ގެއްލިދާނެ ކަމުގެ ބިރުވެސް ހީވި އެވެ.
ނަމަވެސް، ބެލިންހަމް މިވަނީ އެންމެން އާޝޯހުކޮށްލާފަ އެވެ. ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަދި ޕެނަމާ ކޮޅަށް ޖެހި މުހިންމު ލަނޑުތަކަށްފަހު، މެކްސިކޯއާ ދެކޮޅަށް ހޯދި ތާރީހީ މޮޅުގައި އޭނާ ވަނީ 2 ލަނޑު ޖަހާފައެވެ. ކުޅުނު 5 މެޗުން 3 ފަހަރު މޭން އޮފް ދަ މެޗުކަން ހޯދިއިރު، މިފަހަރު އޭނާގެ ކިބައިން ފެންނަނީ މުޅިން ތަފާތު، މަޑުމައިތިރި އަދި ހިތްތިރި މިޒާޖެކެވެ.
މިހާރު އޭނާ ބުނަނީ ލަނޑު ޖެހުމަށްވުރެ ޓީމުގެ އެހެން ކުޅުންތެރިއަކަށް އެސިސްޓް ކޮށްދިނުން މާ އުފާވެރި ކަމަށެވެ. ބެލިންހަމްގެ މި ކާމިޔާބީގެ ފަހަތުގައި އޮތީ ހަމައެކަނި އޭނާގެ ހުނަރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ކިބައިން ފެންނަނީ ކުޅިވަރަށް ހުންނަ މާސިންގާ ޝައުގުވެރިކަމާއި ވަރުގަދަ ވޯކް-ރޭޓެވެ. މެކްސިކޯ މެޗުގައި އިންގްލޭންޑްގެ ގޯލަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެއް ދިފާއުކުރުމަށް އޭނާ ދަނޑުގެ ފަހަތަށް ދުވެ، ކުރި ހިތްވަރުގަދަ ޓެކްލްއަކީ މީގެ ރީތި މިސާލެކެވެ.
ބޮރޫޝިއާ ޑޯޓުމަންޑަށް ކުޅުނު މެޗެއްގެ ތެރެއިން ޖޫޑް ބެލިންގްހަމް--- ފޮޓޯ: އެލެކްސެންޑަރ ހަސެންސްޓެއިން/ގެޓީ އިމޭޖަސް
މިއަދު އޭނާ ވަނީ ޓީމުގެ ބޭނުމަށް ޑިފެންސިވް މިޑްފީލްޑަރެއްގެ (ނަންބަރު 8) ރޯލާއި އެޓޭކިންގް މިޑްފީލްޑަރެއްގެ (ނަންބަރު 10) ރޯލަށްވެސް ފަސޭހަކަމާއެކު ހޭނި، ކެޕްޓަން ހެރީ ކޭންއާއެކު އިންގްލޭންޑް ޓީމުގެ ލީޑަޝިޕް ގުރޫޕުގެ މުހިންމު ތަނބަކަށް ވެފަ އެވެ.
އިންގްލޭންޑްގެ ގައުމީ ޓީމަށް އޭނާ ފުރަތަމަ ފިޔަވަޅުތައް އެޅިއިރު، ކުރީގެ ކޯޗު ސާ ގަރެތު ސައުތުގޭޓް އާއި އޭނާގެ އެސިސްޓަންޓް ސްޓީވް ހޮލޭންޑް ވަނީ ބެލިންހަމްގެ ކުޅުން ވަރަށް ބޮޑަށް މެނޭޖްކޮށްފަ އެވެ. ޚާއްސަކޮށް ޑިފެންސް ކުރަންޖެހޭ ވަގުތުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދީ، ބައިނަލްއަގުވާމީ ބޮޑުސްޓޭޖަށް އޭނާ ތައްޔާރުކުރީ ފިޔަވަޅަކުން ފިޔަވަޅަކުންނެވެ.
އެހެންކަމުން، މިހާރު އާ ކޯޗު ތޯމަސް ޓުޗެލްއާއެކު އުފެދުނު ކަމަށް ބުނާ ދެބަސްވުންތަކަކީ، ބެލިންހަމްގެ ކިބައިން ފެނުނު 'މެއިން ކެރެކްޓާ' މިޒާޖު ކޯޗު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރެއިން ހިނގި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރެއާލް މެޑްރިޑަށް ލަނޑުޖަހައިދިނުމަށްފަހު ޖޫޑް ބެލިންގްހަމް އުފާފާޅުކުރަނީ--- ފޮޓޯ: ތޯމަސް ކޮއެކްސް/އޭއެފްޕީ
ނަމަވެސް އެ ހުރިހާ އަޑުތަކެއް މިހާރު ވަނީ މަޑުވެފަ އެވެ. ދާދި ފަހުން ޓީމުން ބާކީވި މައްސަލައިގައި ސްޕެއިންގެ މީޑިއާތަކުން ބުނީ، އެއީ އޭނާގެ ފިޓްނަސްއަށް ސަމާލުކަން ދިނުމަށް ބެލިންހަމް އަމިއްލައަށް އެދިގެން ނިންމި ނިންމުމެއް ކަމަށެވެ. ހަގީގަތަކީ ކޮބައިކަމެއް ނޭނގުނަސް، މިހާރު އިންގްލޭންޑް ކޭމްޕުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ؛ ބެލިންހަމް ހުރީ ނުހަނު އުފަލުން، މުޅި ޓީމާ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގަ އެވެ.
މި ހުރިހާ ބޮޑެތި ކާމިޔާބީތަކާއި ހައިޕްގެ ތެރޭގައި އުޅޭއިރު، ބެލިންހަމްއަކީ އަދި އެންމެ 23 އަހަރުގެ ޒުވާނެއްކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އޭނާ މި ދަނީ ދުނިޔޭގެ އެންމެ ބޮޑު ސަމާލުކަމެއްގެ ތެރޭގައި ހުރެ، ދުވަހުން ދުވަހަށް ތަޖުރިބާކާރު ކުޅުންތެރިއަކަށް ބަދަލުވަމުންނެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ބޮޑު ސްޓޭޖުގައި ބެލިންހަމް މިވަނީ ހަގީގީ ލީޑަރެއްގެ ގޮތުގައި ފައްކާވެފަ އެވެ. މިރޭ ނޯވޭއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗުގައިވެސް އިންގްލޭންޑްގެ މުޅި އުންމީދު ގުޅިފައިވަނީ ބެލިންހަމްގެ ޖާދޫއާ އެވެ.
ޖޫޑް ބެލިންހަމްގެ ޖާދޫ: ރެކޯޑްތައް މުގުރަމުން، ވޯލްޑް ކަޕްގައި އިންގްލޭންޑް ގޮވައިގެން ކުރިއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ