ޕީއެންސީގެ އިންތިޚާބުގައި 33،000 އެއްހާ މީހުން ވޯޓުލި: ޢަބްދުއްރަޙީމް

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި 33،000 އެއްހާ މީހުން ވޯޓުލާފައިވާކަމަށް އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، މި އިންތިޚާބާގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ގާތްގަނޑަކަށް 40،000 މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެތެރެއިން ގާތްގަނޑަކަށް 33،000 އެއްހާ މީހުން ވޯޓުލާފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 85 ޕަސެންޓު ގާތްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްނޑަކަށް 32،000 އާއި 33،000އާ ދެމެދުގެ އަދަދެއް. ފައިނަލް އަދަދު ދަންނަވާލަން އެނގޭނީ ވޯޓުގެ ނަތީޖާ ލިބުނީމަ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި އިންތިޚާބުގައި ޖުމްލަ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔައިރު، އެކި މަޤާމުތަކަށް 2500 އެއްހާ ކެނޑިޑޭޓުން ވާދަކުރިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، އެ އަދަދަށް ވޯޓު ފޮށި ބެހެއްޓިޔަސް އެހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވުމަކީ އެ ޕާޓީއާމެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތްކަން ހާމަވާ ކަމެއް ކަމަށާއި އެކަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިތުބާރު އޮތް މިންވަރުވެސް ހާމަވާކަމަށެވެ.
"މި ދެންނެވި އަދަދަށް ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދިޔައީމާ، މި ދެންނެވި އަދަދަށް ވޯޓުލީމާ އެއީ ވަރަށް ބޮޑު އަދަދެއް އަދި މިކަހަލަ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި. މީގެން މި އެނގިގެންދަނީ ކޮންގްރެސް ޕާޓީއާމެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތް މިންވަރު، އަދި މި ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު އޮތް މިންވަރު މި ދައްކައިދެނީ. އެހެން ނޫންނަމަ، ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި 2،000-3،000 މީހުން ވާދައެއް ނުކުރާނެ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެއިތުރުން، އެހާ އަމާންކޮށް މި އިންތިޚާބު ނިންމާލެވުމުން ހާމަވަނީ ޕީއެންސީއަކީ ސުލްޙަވެރިކަމާއި މަސްލަޙަތު އިސްކުރާ ޕާޓީއެއްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ސުލްހަވެރިކަމާއި އަމާންކަމާއެކު އިންތިޚާބު ބޭއްވުނީ ޕާޓީގެ މެންބަރުންގެ މަސައްކަތުން ކަމަށެވެ. ހަމައެއާއެކު، ޢަބްދުއްރަޙީމް ވަނީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށްވެސް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ