ޖީލަކަށް ދުންފަތް މަނާވުމަކީ ދުޅަހެޔޮ ޖީލެއް ބުނާކުރުމަށް އެޅޭ ތާރީޚީ ބިންގަލެއް: ނާޒިމް

ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާވުމަކީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅޭ ތާރީޚީ ބިންގަލެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް މިއަދު ސިފަކުރައްވައިފިއެވެ. 'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް މި ފެށޭ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިދިޔަ މޭ މަހުގެ 21ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މާދަމާއިން ފެށިގެން ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ. ޖެނެރޭޝަނަލް ބޭން ތައާރަފުކުރުން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު: ޖީލަކަށް ދުންފަތް މަނާވުމަކީ ދުޅަހެޔޮ ޖީލެއް ބުނާކުރުމަށް އެޅޭ ތާރީޚީ ބިންގަލެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި ---- ފޮޓޯ/ ހެލްތު މިނިސްޓްރީ އެގޮތުން، އެ ނިއުމަތަށް ޝުކުރުވެރި ވުމަކީ ސިއްހަތަށް އިހުމާލުނުވެ، ރައްކާތެރިވުން ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. މި ސަރުކާރުގެ ސިއްހީ ދާއިރާގެ މައިގަނޑު އަމާޒު ބިނާވެފައި ވަނީ، ދުޅަހެޔޮ ފަރުދުންނާއި އާއިލާތަކާއި މުޖުތަމައުއަކާ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރަށް، ރާއްޖޭގައި ދިމާވާ އެންމެ ގިނަ ސިއްހީ މައްސަލަތައް ދިމާވަނީ ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކުގެ ސަބަބުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިފަދަ އާދަތަކުން ރައްކާތެރިކޮށް، ސިއްހީ ގޮތުން ކަންކަން ދުޅަހެޔޮ ކުރުމަކީ އެންމެ އަހަންމިއްޔަތުކަން ދޭން ޖެހޭ ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ. ޖެނެރޭޝަނަލް ބޭން ފާހަގަކުރަން އެކުވެނި ޓްރެކްގައި ބާއްވާ ދުވުން، ހެލްތު މިނިސްޓަރު ނާޒިމް ފައްޓަވައިދެއްވަނީ ---- ފޮޓޯ/ ހެލްތު މިނިސްޓްރީ މިއަދު 18 އަހާރާއި ދިހަ މަސްވެފައިވާ އަދި އެއަށް ވުރެ ހަގު އުމުރުގެ ކުދިންނާއި މީހުން އަދި ކުރިމަގުގައި އުފަންވާ ކުދިން ދުންފަތުން ރައްކާތެރިވާ މި ސިޔާސަތަކީ ވަރަށް އުންމީދީ އަދި ވަރަށް ވެސް މުހިންމު ތާރީޚީ ބިންގަލެއްހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ނާޒިމް ވިދާޅުވީ، ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުމުން ދުންފަތުގެ ރައްކާތެރިކަން ލިބި، ދިރިއުޅުން އާބާދުކުރުމުގެ ފަހި ފުރުސަތު ޔަގީންވާ ކަމަށެވެ. ސައުވީސް ގަޑިއިރުގެ އެ ދުވުން ފެށުމުގައި ބައިވެރިވި އެންމެން ދައްކުވައިދެނީ ރައީސް މުއިއްޒުގެ ނިންމުމަށް އޮތް ތާއިދާއި އެންމެންގެ ބައިވެރިވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދޭ މެސެޖަކީ، މިއީ ވަރަށް ބޭނުންވެފައި ތިބި، ގައުމުގެ މުސްތަގުބަލުގެ ދުޅެހެޔޮކަމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ގަބޫލުކުރާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުވުމަށް ޓަކައި ވޭޕު މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ނިންމުމާއެކު ވަގު ސިނގިރޭޓު އެތެެރެކުރުން އާންމުވެ، ވަގު ވިޔަފާރިކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ