މި އަހަރަށް ބަޖެޓުކުރިވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބި، އަންނަ އަހަރުގެ އަންދާޒާ ދަށްކޮށްފި
އަންނަ އަހަރު ހިލޭ އެހީއަށް 374 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ. ރާއްޖޭގެ އިގުތިޞާދީ ހާލަތު ދަށްވެ، ހިލޭ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާއިރު، މިއަހަރަށް ފިނޭންސް މިނިސްޓްރީން ލަފާކުރީ، 2.6 ބިލިއަން ރުފިޔާ ހިލޭ އެހީއަށް ހޯދޭނެ ކަމަށެވެ. އެކަމަކު، އަހަރު ނިމެން ދެ މަހަށް ވުރެ މަދު ދުވަސްކޮޅަށްވީއިރު، މިހާތަނަށް ލިބިފައި ވަނީ އެންމެ 400 މިލިއަން ރުފިޔާއެވެ. އެހެންވެ، މިއަހަރަށް ލަފާކުރި އަދަދުގެ 85 ޕަސެންޓު ވެސް އަދި ނުލިބެއެވެ. މި އަހަރާ ޚިލާފަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި، ޖުމުލަ ހިލޭ އެހީއަށް ލިބޭނެ ކަމަށް ހިމަނާފައި ވަނީ، 374 މިލިއަން ރުފިޔާއެވެ. އެއީ، އަންނަ އަހަރަށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ 0.5 ޕަސެންޓެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ފޮތް: އަންނަ އަހަރު ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާކުރީ 374 މިލިއަން ރުފިޔާ ---- ފޮޓޯ/ މަޖިލިސް ބަޖެޓުގައި ވަނީ، މަޝްރޫއުތައް ހިންގުމަށް 324 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި ފައިސާގެ ގޮތުގައި 24 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އަދި، ޑޮނޭޝަންގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ، 25 މިލިއަން ރުފިޔާއެވެ. އެގޮތުން، ބައިލެޓަރަލް ޕާޓްނަރުންގެ އަތުން 85 މިލިއަން ރުފިޔާ ހިލޭ އެހީއަށް ލިބޭނެ ކަަމަށް ބަޖެޓުގައިވެއެވެ. އެ ޕާޓްނަރުންގެ ތެރެއިން، އެންމެ ގިނައިން ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ، އަވައްޓެރި އިންޑިއާއިންނެވެ. އެގައުމުން 73 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިނގިރޭސި ވިލާތުން ހަތަރު މިލިއަނާއި ޖަޕާނުން ތިން މިލިއަން ލިބޭނެ ކަމަށް ވަނީ ސަރުކާރުން ލަފާކޮށްފައެވެ. މި ސަރުކާރުން ވަރަށް ގާތް ގުޅުމެއް ބާއްވާ ޗައިނާއިން ހިލޭ އެހީއަށް ލިބޭނެ އަދަދެއް ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ. މާލީ ވަޒީރު މޫސާ ޒަމީރާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު: އަންނަ އަހަރު ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާކުރީ 374 މިލިއަން ރުފިޔާ-- ފޮޓޯ: ރައީސް އޮފީސް އޭގެއިތުރަށް، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. https://sun.mv/213339 ކްރެޑިޓް ރޭޓިން ދަށްވުމަކީ ހިލޭ އެހީއާއި ލޯނުތައް ލިބުން ދަތިވާ މައިގަނޑު އެއް ސަބަބެވެ. ކްރެޑިޓް ރޭޓިން ދަށްކުރީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުންނެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރީ 134 އިންސައްތައިގައެވެ. އަންނަ މަހު ވެސް ދަރަންޏަށް 500 މިލިއަން ޑޮލަރު ދައްކަންޖެހޭއިރު ނޮވެންބަރުގައި އިތުރު 100 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެހެންވެ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އަންނަނީ ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަމުންނެވެ. ސަރުކާރުން އަންނަނީ ކަންބޮޑުވުމެއް ނެތި ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަން ވެސް ދެމުންނެވެ. ނަމަވެސް، ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމައި 'ޖަންކް' ރޭޓިންއެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ