"މާލޭން ވަކިވެ، ހުޅުމާލެ ވަކިން އޮތުމަކީ އެންމެ ރަނގަޅު ގޮތް"

މާލެ ސިޓީގެ އިހްތިސޯސުން ވަކިވެ، ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކުރައްވާކަން، ހުޅުމާލޭގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ހާމަކުރައްވައިފިއެވެ. ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގައި އޮތުމާ މެދު 'ސަން'އިން ސުވާލުކުރުމުން، އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ނިޔާޒް ވިދާޅުވީ، ހުޅުމާލެ މާލެއާ ވަކިނުވެ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުރި ނާރާނެ ކަމަށެވެ. އެމްޑީޕީގެ ކުރީ ސަރުކާރުގެ އިތުރުން، މި ސަރުކާރަށްވެސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރެވިފައިނުވާ ކަން ނިޔާޒް ފާހަގަކުރެއްވިއެވެ. "ދެން އޮތް ގޮތަކީ ހުޅުމާލެ ވަކި ސިޓީއެއް ގޮތަށް ހަދައިފަ މިތަނުގައި ވަކި ސިޓީއެއް އެކުލަވާލައި ވަކި މޭޔަރަކު ހުޅުމާލެއަށް އިންތިޚާބުކުރުން،" ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު -- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ 50،000އަށް ވުރެ ގިނަ މީހުންގެ ކަންކަން ބެލެހެއްޓުމަށް ހުންނަން ވާނީ އެންމެ ކައުންސިލަރެއްނޫން ކަމަށާއި، ވަކި ކައުންސިލެއް އުފެދިފައި އޮތުން މުހިންމުކަމަށެވެ. ނިޔާޒްގެ އިތުރުން، ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގައި އޮންނަން ތާއީދުކުރައްވާކަން ހާމަކުރައްވައި ހުސައިން ވިދާޅުވީ، ހުޅުމާލެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ސަރުކާރުން ދޭން ޖެހޭ ޚިދުމަތްތައް ހުޅުމާލޭން ފަސޭހައިން ލިބުމަށް ތާއީދުކުރައްވާ ކަމަށެވެ. ހުސައިން ވިދާޅުވިގޮތުގައި ސިޓީ ކައުންސިލާއި ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޚިދުމަތްތައް ފޯރުކޮށްދޭއިރު ފެންނަނީ "ދެކޮޅުން ކުރެ ކޮޅަކު ލައްވާނުލައި މެދުވެސް ނުޖެހޭ ހިސާބެއްގައި" އޮންނަ މަންޒަރެވެ. ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް -- ފޮޓޯ: މަޖިލިސް "[ހުޅުމާލެއަކީ] ރާއްޖޭގެ ކަންކޮޅުތަަކަށް ނިސްބަތްވާ ގިނަ ރައްޔިތުން އުޅޭ ތަނެއް، ބޭނުންވަނީ ގާތުން އަވަހަށް ފަސޭހައިން ދިވެހި ރައްޔިތުން އެދޭ ޚިދުމަތް ދިނުން،" އޭނާ ވިދާޅުވިއެވެ. ދެ ބޭފުޅުންވެސް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލެ އޮންނަން ޖެހޭނީ މާލެއާ ވަކިން, ވަކި ސިޓީއެއްގެ ގޮތުގައި ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު 'އެކްސް'ގައި ލިޔުއްވާފައި ވަނިކޮށެވެ. ޝަމްހީދު މިއަދު ލިޔުއްވިގޮތުގައި މާލެއާ އަޅާ ބަލާއިރު ހުޅުމާލެއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެކެވެ. "ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް، މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ، އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއްނޫން،" ޝަމްހީދު ލިޔުއްވާފައިވެއެވެ. https://sun.mv/213425 އޭނާ އިތުރަށް ލިޔުއްވިގޮތުގައި ސިޓީއެއް ނުވަތަ ތަނެއް ބަލަހައްޓައި އެ ތަނެއްގެ ކަންކަމަށް ބަސްކިޔަންވާނީ އެ ތަނެއްގައި ދިރިއުޅޭ، އާދަކާދައާއި ސަގާފަތް ދަންނަ ބައެކެވެ. މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުމާލެ އޮތް ނަމަވެސް، ސިޓީ ކައުންސިލަކަށް އެއްވެސް ބާރެއް ނޯވެއެވެ. ހުޅުމާލޭ ސަހަރާ ފިޔަވައި، ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އެޗްޑީސީ، ނުވަތަ "ކުންފުންޏެއް"ގެ ދަށުގައި ހުޅުމާލޭގެ ކަންކަން އޮތުމުން މާލޭ ސިޓީ ކައުންސިލުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އޭރުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި މިހާރުގެ މެންބަރު އިބްރާހިމް ޝުޖާއު އިންނެވި އިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރަން ވެސް ވަކާލާތުކުރެއްވިއެވެ. އެއާއެކު، ޝަމްހީދު މިފަދައިން ގޮވާލައްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި ވޯޓެއް ނަގާފައިވާ ދަނޑިވަޅެއްގައެވެ. އެ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމިއިރު، ފޭދޫން ނިންމީ ކައުންސިލްގައި ދެމި އޮތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ