ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް ޖުމްލަ އަހަރަކު ހަތް މަސްދުވަހަށް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅައިފި އެވެ.
އިއްޔެއިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ސަރުކާރުން ވަނީ ހުއްދަކޮށްފަ އެވެ. އޭގެ ފަހުން، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގުމުގެ ގަވާއިދަކާއި ކަށިމިޔަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މި ހުއްދަ ކުރީ، މިޔަރުގެ އެއްވެސް ބާވަތެއް ބޭނުން މަނާކޮށްފައި އޮންނަތާ 15 އަހަރާއި ނުވަ މަސްދުވަސް ފަހުންނެވެ. މިޔަރު ބޭނުން މަނާ ކުރުމުން "ޝާކް ސެންކްޗުއަރީ" އެއްގެ ގޮތުގައި މަޝްހޫރުވެ، ފަތުރުވެރިންގެ މެދުގައި އިތުރަށް މަގުބޫލުވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރުމުން ފަތުރުވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ތިމާޔަވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސައިންޓިސްޓުން އަދި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
"[ކަށިމިޔަރުގެ މަސްވެރިކަމުން] ދިވެހި އިގްތިސާދުގެ މައިގަނޑު ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭނޭވަރުގެ ގެއްލުންތަކެއް ލިބޭނެ،" ޖަމިއްޔާތަކުން ރައީސް މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއްގައި ބުނެފައި އޮތެވެ.
ކަށިމިޔަރީ ނެތިދިޔުމުގެ ބިރު ވެސް ހީވެފައި އޮތް ބާވަތެކެވެ. ބިސް އުފެދޭ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ދެ އަހަރު ނަގަ އެވެ. އެހެންވެ، ބާނަން ފަށައިފި ނަމަ އެސޮރުމެންގެ އާބާދީ ނިކަން އަވަހަށް ހީނަރުވެ އެވެ.
"ކަށިމިޔަރުގެ ބާވަތްތަކަކީ އޭގެ ޒާތުގައި އޭގެ މަސްވެރިކަންކުރުމުގެ ސަބަބުން ވަރަށް ފަސޭހައިން މުޅިއާބާދީއަށް ނުރައްކާވާފަދަ ނާޒުކު ދިރުމެއް. އެސޮރުމެންނަކީ ހެދިބޮޑުވެ ދަރިމައިވުމަށް ގިނަ ދުވަސްތަކެއް ހޭދަވާ، ރާއްޖޭގައި އުޅެން އެކަށީގެންވާ ސަރަހައްދު ކުޑަކަމުގައި ބެލެވޭ ބާވަތްތަކެއް ކަމުން، އެސޮރުމެންގެ އާބާދީތަކަށް މަސްވެރިކަން ތަހައްމަލެއް ނުކުރެވޭނެ،" ޖަމިއްޔާތަކުން މުއިއްޒަށް ފޮނުވި ސިޓީގައި ބުންޏެވެ.
އޭގެ އިތުރުން، ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު މިޔަރުގެ މަސްވެރިކަން ފާއިތުވި 15 އަހަރު ކޮށްފައިނުވާތީ އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތެއް އަދި ނެތެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަހަރަކު ހަތް މަސްދުވަހު ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަހަރަކު ހަތް މަސްދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ