ފަލަސްތީނާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ދިވެހި ޓީމަށް ކުރިއެރުންތަކެއް

ރާއްޖޭގައި މިހާރު ކޭމްޕުކުރަމުން އަންނަ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު 3-0 ގެ ނަތީޖާއަކުން ފަލަސްތީނުން ކާމިޔާބުކޮށްފިއެވެ. މީގެ ދެ ދުވަސް ކުރިން މި ދެ ޓީމު ވާދަކުރި އެކުވެރިކަމުގެ ފުރަތަމަ މެޗު ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ މެޗާއި ޚިލާފަށް މި މެޗުގައި ދިވެހި ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ރާއްޖެ ކުޅުންތެރިން ވަނީ ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައެވެ. ރާއްޖެއާއި ފަލަސްތީނު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް ފަލަސްތީން މެޗުގައި ފުރަތަމަ ލަނޑުޖެހީ މެޗުގެ 14 ވަނަ މިނެޓުގައި އާމިން އިދުރީސްއެވެ. ފަލަސްތީނުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔަޒާން ހަލައިފީއެވެ. ފަލަސްތީންގެ ތިންވަނަ ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. މި ލަނޑު މެޗުގެ 84 ވަނަ މިނިޓުގައި ކާމިޔާބުކުރީ އާދަމް ހަފާފީއެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީން ޓީމު ރާއްޖޭގައި މަޑުކުރާއިރު، އެ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހުގެ 22އިން 30އަށް އިންޑިއާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކަށެވެ. ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ ތައިލެންޑުގައެވެ. ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރީ ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުންނެވެ. މި ކޭމްޕަށް ދިވެހި ސަރުކާރުންނާއި އެފްއޭއެމުން ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ