މަޖިލީހުގެ ޖަލްސާ ހަވީރު, އަދިވެސް އެޖެންޑާއެއް ނުލިބޭ

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ ހަވީރު ކަމަށް މެންބަރުންނަށް މިއަދު އަންގައިފިއެވެ. މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޖަލްސާ އޮންނާނީ ހަވީރު 4:00 ގައި ކަމަށާއި، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް އޮންނާނެކަން މަޖިލީހުން އިއްޔެ އެންގި ނަމަވެސް، ޖަލްސާގެ އެޖެންޑާއެއް އަދިވެސް އެ އިދާރާއިން އަދިވެސް ހާމަނުކުރެއެވެ. އެހެންވެ، ނޫސްވެރިން ގެންދިޔައީ މިއަދުގެ ޖަލްސާ އޮންނާނެ ވަގުތާއި ޖަލްސާގެ އެޖެންޑާގެ މައުލޫމާތަށް އަހަމުންނެވެ. "ޖަލްސާގެ އެޖެންޑާ ފައިނަލްވީމާ ހިއްސާކުރާނެ ވާހަކަދަންނަވަން،" މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. https://x.com/sunbrk/status/1967818047646994950 ގަޑިއާއި އެޖެންޑާ ނޭނގުނު ނަމަވެސް މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ ބައެއް މެންބަރުން ވަނީ އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ކޮންޓްރޯލް ބިލު' ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުން ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތްކުރަމުން އަންނާތީ އެއީ ވަރަށް ބޮޑަށް ބެލެވޭ ކަމަކެވެ. އެ ބިލު އިއްޔެ ކޮމިޓީން ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލުވީ އެންމެ އަވަހަކަށް ފާސްކުރުން ކަމަށެވެ. އެހެންވެ، މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސްކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. "ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލު ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ. https://x.com/sunbrk/status/1967820186544672826 އެހެންވެ، މިއަދު ހެނދުނު 8:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ. މިއަދު ހެނދުނު 11:00 ޖެހިއިރު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުގައި ވަނީ، އެ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކޮށްލަން ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފައެވެ. ޕެޓިޝަން ކޮމިޓީން އެގޮތަށް ނިންމީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕެޓިޝަން ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ