ލިސާން 25

"އެހެންވިއްޔާ.. އެހެންވިއްޔާ އޭނަވާނީ އެ އިންސި ކައިރީ އެ ރަށުގައި..." ނަމީރު ބުނެލިއެވެ. ނަމީރުގެ ވާހަކަ އަޑުއަހަން ހުރެފައި އިންޖާބު ދެން ބުނެލި ވާހަކައިން ނަމީރު ޖެހިލުންވިއެވެ. ބައްޕަ އެބުނާ ގޮތަށް އޭނާ ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ރައާބިލްއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާކަން ޚުދު އޭނާގެ ބައްޕައަށް ވެސް އެނގޭނެއެވެ. އެފަދަ ކަމަކަށް އޭނާގެ ކިބައިން އެދުމުން ނަމީރުގެ ހިތުގައި ބައްޕައާ މެދު ޝަކުވާ އުފެދުނެވެ. އެކަން މޫނުމަތީން ހާމަވެގެންދާކަށް ވެސް ގިނަ އިރެއް ނުނެގިއެވެ. "ކިހިނެއްވީ؟. ކީއްވެ އެއްޗެއް ނުބުނީ؟" އިންޖާބު ސުވާލުކޮށްލިއެވެ. "މިކަމާ ދެކޮޅު ހަދަނީތަ؟" އެއާއެކު ނަމީރު ދެފަރާށް ބޯ ހޫރައިލިއެވެ. ނަމީރަށް ބަލަން ހުރި އިންޖާބުގެ މޫނުމަތީގެ އަސަރުތަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އޭނާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ. އޭނާ އެދުނުކަމަކީ ނަމީރަށް ކުރަން ކިތަންމެ އުނދަގޫކަމެއް ނަމަވެސް މިއަދު ނަމީރު ޖެހޭނީ އެކަންތައް ކުރާށެވެ. ކުރި ކުށަށް ބަދަލު ދެވޭނެ ހަމައެކަނި ގޮތަކީ އެއީއެވެ. "އެހެންވިއްޔާ ދޭ. ގަނޑުވަރުގެ ސިފައިންނާ ފާރަވެރިންނާއެކު ގޮސް ރައާބިލް ހައްޔަރުކޮށްގެން އާދޭ..." "އަޅުގަނޑު ނުދިޔަޔަސް ސިފައިން ފޮނުވައިގެންވެސް ބައްޕައަށް ރައާބިލް ހައްޔަރު ކުރެވިދާނެއެއް ނޫންތޯ؟" ވިސްނައިލަމުން ހިތްވަރުކޮށްފައި ނަމީރު ބުނެލިއެވެ. "އަަހަރެން ބުނި އެއްޗެއް ނަމީރަށް އަޑު އިވުނު ހެނެއް ހިޔެއް ނުވޭ. މިބުނީ ނަމީރަށް މި ނޫން އިތުރު ގޮތެއް ނެތޭ. އަހަންނަކީ ގޮތެއް ނިންމުމަށްފަހު، އެކަމެއް ބަދަލު ކުރާނެ މީހެއް ނޫން. އަޑު އިވިއްޖެ!" އިންޖާބު ބުނެލިއެވެ. ގޮތެއް ނިންމާފައި އެކަމެއް ބަދަލުކުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ. އޭނާ ހަރުކަށި މީހެއްގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ އެއް ސަބަބަކީވެސް އެއީއެވެ. އިންޖާބާ ޖަދަލުކުރަން ނުކެރުނު ނަމީރު، އިންޖާބުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެހެންނަމަވެސް އެކުވެރިޔާއާ މެދު އެފަދައިން ކަންތައް ކުރަން ކެރޭނީ ކިހިނަކުންބާއޭ އޭނަގެ ހިތަށް އެރިއެވެ. އެންމެ ގާތް އެކުވެރިޔާއަށް އެހާ ބޮޑު ދެރައެއް ދޭނީ ކިހިނަކުން ހެއްޔެވެ؟ މި ނޫން އިތުރު ގޮތެއް ހަމަ އޭނައަށް ނެތީ ހެއްޔެވެ؟ ކޮންމެ ޙާލެއް ކުރިމަތިވި ނަމަވެސް، އަމިއްލަ އެދުން އިސްކޮށް އެކުވެރިޔާއަށް އެހާ ބޮޑު ދެރައެއް ދިނުމަކީ އިންސާފަކަށް ވެދާނެ ހެއްޔެވެ؟ އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް އޭނަ ވާން ވެދާނެ ހެއްޔެވެ؟ މިއީ ކޮން ފަދަ ޙާލަތެއް ހެއްޔެވެ؟ އޭނާ ދިޔައީ ފެށުނީއްސުރެ ރައާބިލްއަށް އެކަމުގެ ނުރައްކާތެރިކަން ވިސްނައިދެމުންނެވެ. އެފަދަ ގުޅުމެއްގެ ނިމުން ހިތިވާނެކަމުގައި ބުނެދެމުންނެވެ. އެ އަންހެން ކުއްޖާއާ ދުރުވުމަށް ނަޞޭޙަތް ތެރިވަމުންނެވެ. ސަބަބަކީ އެކަން އެނގުމުން ކަންތައްތައް ގޯސްވެގެން ދާނެކަން އޭނާއަށް އަންދާޒާކޮށްލެވޭތީއެވެ. އެހެން ނަމަވެސް ފަހަރެއްގައިވެސް މިފަދަ ގޮތަކަށް ކަންތައް ވެދާނެކަމަށް އޭނާއަށް ތަސައްވަރު ކުރެވިފައެއް ނުވެއެވެ. "ނަމީރު..." ނަމީރު ވިސްނުމަކަށް ގެއްލިފައި ހުންނަން ފެށުމުން އިންޖާބު ގޮވައިލިއެވެ. އޭނަ އަނެއްކާވެސް ބުނީ އެ ނޫން އިތުރު ގޮތެއް ނެތްކަމުގައެވެ. ނަމީރު އެކަމަށް އެއްބަސްވީ އޭނަގެ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ. ލޯބިވާ އަނބިމީހާއާއި، ދަރިފުޅަށްޓަކަައި މިއަދު އޭނާއަށް އެވަނީ އެކުވެރިކަން ޤުރުބާންކުރަން މަޖުބޫރުވެފައެވެ. އެކަމުގެ ސަބަބުން ރައާބިލް ދުވަހަކު އޭނައަށް މާފުނުކުރާނެކަން ނަމީރަށް އެނގެއެވެ. އެހެންނަމަވެސް ވަގުތާ ޙާލަތު އިތުރު ގޮތަކަށް ކަންތައް ކުރަން ތަނެއް ނުދެއެވެ. ނަމީރު އެންމެފަހުން އޭނާގެ ހިތަށް ވިސްނައިދިނީ އޭނަ އޮގޮތަށް ކަންތައް އެކުރަނީ އިތުރު ގޮތެއް ނެތިގެން ކަމެވެ. "ހިނގާ ދާން." އިންޖާބު ނަމީރަށް ބަލައިލަމުން ބިންގަރާހުން ނުކުތުމަށް މިސްރާބުޖެހުމުން ނަމީރުވެސް، ފަހަތުން ގޮސް ނުކުތެވެ. މިނިވަން ފަޒާގެ ތެރެއަށް ނުކުތުމަށްފަހު، އޭނައަށް އެންމެ ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ގައިގައި ބީހިލި ތާޒާ ވައިރޯޅިންވެސް އަރާމު ވިއެވެ. އުދާސްކަމަށް ލުޔެއް ލިބިގެން ދިޔައެވެ. އެ މިނިވަންކަމުގައި އުޅުމުގެ ފުރުސަތު ލިބިފަ އޮއްވާ އަނދިރި ބިންގަރާހުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވެފައި ހުންނަން ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް އޭނާގެ ޒަމީރު ތަނެއް ނުދެއެވެ. ޝަހަރުން ދިޔުމުގެ ކުރިން ނަމީރު ގަނޑުވަރަށް ގޮސް މަންމައާއި ޝައިސްތާއާ ބައްދަލުކުރިއެވެ. އަދި ނާވީގެ ގައިގައި ބައްދައިލާފައި ލޯބިކޮށްލިއެވެ. އެ މީހުންނާ ދުރުގައި ހުންނާނެ ގޮތެއް ނަމީރުގެ ޚިޔާލަކަށް ވެސް ނުގެނެވެއެވެ. އޭނަ ކަންތައް ކުރާ ގޮތަކީ އެވަގުތަށް އެންމެ ރަނގަޅު ގޮތްކަމުގައި ނަމީރު އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔަ އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ. ނަމީރު ނުކުތީ ގަނޑުވަރުން ސިފައިންގެ ލަޝްކަރެއް ގޮވައިގެންނެވެ. އޭނާ ދިޔަ މަންޒަރު ބަލަން ހުރެފައި އިންޖާބު އެނބުރިލިއިރު، ބަތީލާ ހުރީ އޭނާއަށް ބަލަހައްޓައިގެން ފެން ކަޅިވެފައެވެ. ބަތީލާ އެއްޗެއް ނުބުނުމުން އިންޖާބު ގޮސް އޭނާގެ ކައިރީގައި ހުއްޓިލިއެވެ. "ތީ އެންމެ ރަނގަޅު ގޮތަށް ވެދާނެތަ؟ އިންޖާބަށް އެނގެއެއްނު ރައާބިލްއަކީ ނަމީރުގެ އެންމެ ގާތް ރަޙްމަތްތެރިޔާކަން. އަހަރެމެންގެ ދަރިފުޅާ މެދު އިންޖާބަށް މާ ހަރުކަށިވެވޭކަމުގެ އިޙްސާސް އެއް އެގޮތަކަށްވެސް ނުކުރެވޭތަ؟" ބަތީލާ ސުވާލުކޮށްލިއެވެ. "ކުރި ކުށަށް އަދަބު ދިނުމަކީ އަހަރެންގެ އުސޫލު. ދަރިއަށް ވީތީ ލުޔެއް ދީފިން. މި ނޫން އިތުރު ގޮތެއް ނެތް. ނަމީރު މި ފޮނުވީ ރައާބިލް ހައްޔަރުކުރަން." އިންޖާބު ބުނެލިއެވެ. އޭރު ޝައިސްތާ ވެސް އެމީހުންގެ ވާހަކަ އަޑު އިވޭ ހިސާބުގައި ހުއްޓެވެ. ބަތީލާ އިސްޖަހައިލީ އިންޖާބު ގޮތް ދޫނުކުރާނެކަން އެނގޭތީއެވެ. އޭނާ ޝައިސްތާއަށް ބަލައިލުމާއެކު، ޝައިސްތާ އިސްޖަހައިލަމުން އެތަނުން ދިޔައީއެވެ. ***** ފައުޒީ ހިނދެއް ހިނދަކަށް ކިޔެވެލި ވަރުގަދަ ކުރަމުން ދިޔައެވެ. އޭރުވެސް ދެން ތިބި މީހުން ތިބީ ރޮނގުން ބޭރުގައެވެ. އެމީހުންނަށް އެތެރެއަށް ވަނުމަށް ފައުޒީ ހުއްދަ ނުދޭތީއެވެ. "ކަލޭ ހަމަ ގޮތެއް ދުލެއް ނުކުރާނަންދޯ! އެންމެ ރަނގަޅު... އަހަރެން މި އަންހެން ކުއްޖާގެ ބަނޑުގައިވާ ކަލޭގެ ދަރި މަރާލާނަން..." ފައުޒީގެ ބާރު އަޑާއެކު ޖެހިލި ރޯޅިޔާއެކު ބައެއް އުއްބައްތިތައް ނިވިއްޖެއެވެ. "ނޫން..." ސަމްރާވެސް ހަޅޭއްލަވައިގަތެވެ. އޭނަގެ ބަނޑުގައި އާދަޔާ ޚިލާފު ތޫނު ރިހުމެއް އުފެދި އެ ރިހުން ބާރުވަމުން ދިޔައިރު، އެ ތަދާއެކު އޭނާގެ ބަނޑު ފުފެން ފެށިއެވެ. ރައާބިލް ގޮތް ދޫކުރީ އެހާ ހިސާބުންނެވެ. ސަމްރާއާއި ބަނޑުގައިވާ ދަރިފުޅަށް ކަމެއް ވެދާނެކަމުގެ ބިރަށްޓަކައެވެ. ފައުޒީގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ. ރައާބިލް ގޮތް ދޫކުރީކަން އޭނައަށް އެނގުނީތީއެވެ. ބާޒީ އޭނާގެ އަތަށް ލިބިއްޖެކަމުގެ އިޙްސާސްއާއެކު، ފައުޒީ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. "ކަލޭ ހީކުރީ އަހަރެންގެ ކުރިމަތީގައި ގަދަ ހެދޭނެކަމަށްތަ؟" ފައުޒީ ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "ކަލޭ ތީ ބޮޑު ސިހުރުވެރިއެއް." ރައާބިލް ރުޅިވެރި އަޑަކުން ބުންޏެވެ. ފައުޒީއާއި ސަމްރާއާއި ދެމީހުންނަށް ރައާބިލް ފެނުނު ނަމަވެސް، އޭރުވެސް ވާފިރުމެންނަކަށް އޭނަ ނުފެނެއެވެ. އެހެންނަމަވެސް، ފައުޒީއަށް ރައާބިލް ފެނުނު ވަގުތު އޭނާގެ ގަޔާ ދިމާލުން އެރި އަލި އެމީހުންނަށްވެސް ފެނުނެވެ. އެއީ ނޫ އައްޔެކެވެ. ރައާބިލްގެ ކިބަޔަކުން ހުތުރު ސިފަތަކެއް ފައުޒީއަކަށް ނުފެނުނެެވެ. އެހެންނަމަވެސް އެމޫނުމަތީގައިވަނީ ނުރުހުމާއި ރުޅިވެރިކަމެކެވެ. ދެލޯވަނީ ނޫކުލައަކުން ދިއްލިފައެވެ. އޭނަ އެންމެ ފުރަތަމަ ވެސް މިސްރާބުޖެހީ ސަމްރާއާ ދިމާލަށެވެ. އެހެންނަމަވެސް، ފައުޒީގެ ސަބަބުން އެކަން ކުރުން އުނދަގޫވެގެން ދިޔައެވެ. ރައާބިލް ހަޅޭއްލަވައިގަތެވެ. ސަމްރާ އާއި ދަރިފުޅަށް ކަމެއް ވެދާނެހެން ހީވި ވަގުތު ކޮޅު ރައާބިލްގެ ހިތަށް ގޮތެއް ވެލިއެވެ. ރިހުމެއްގެ އަސަރު އެ ހިތަށް ވެރިވެގެން ދިޔައެވެ. އޭނަ ބަލިކަށިވެގެން ދިޔަހިނދު، ފައުޒީއަށް އޭނާގެ ސިހުރުގެ ބާރު ގަދަކޮށްލަން ފުރުސަތު ލިބިގެން ދިޔައެވެ. ރައާބިލްގެ ހަށިގަނޑަށް ހޫނު ވާން ފެށި ހިނދު، އޭނައަށް އަނެއްކާވެސް ހަޅޭއްލަވައިގަނެވުނީއެވެ. ފައުޒީ އަޅާފައިވާ ރޮނގުގެ ފަހަތުގައި ތިބި ވާފިރާއި ނަދީދާގެ ދެލޮލުންވެސް ކަރުނަ ފައިބަމުންދިޔައެވެ. އަމިއްލަ ނިކަމެތި ކަމާމެދު ޝަކުވާ ކުރެވުނު ނަމަވެސް، ހިތް ހަމަ ޖައްސައިލީ އެމީހުން އެކަންތައް އެ ކުރަނީ ހަމަ ސަމްރާއަށް ރަނގަޅަކަށޭ ހިތަށް އަރުވާލާފައެވެ. "ފައުޒީއަށް އިތުބާރުކުރޭ…" ބިރުގަތްފައި ހުރި ނަމަވެސް އަހަންމައިދީ ވާފިރުމެންނަށް ހިތްވަރުގެ ބަހެއް ބުނެލިއެވެ. "މަގޭ ދަރިފުޅު..." ސަމްރާއަށް ވަމުން ދިޔަ ގޮތުން ނަދީދާއަށް ހަމަ ރޮވެނީއެވެ. ވާފިރަށް ވެސް މިފަހަރު ނަދީދާ ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ނޭނގުނެވެ. ހަދާނެ ގޮތް ހުސްވެފައި ނަދީދާ ގާތްކޮށްލައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ރައާބިލްގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއެކު، އޭނާއަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް އިވުނު ބާރު އަޑާއެކު ގޭގެ ފުރާޅުމައްޗަށް ހީވީ އެއްފަހަރާ އެތަކެއް ގާބުރިތަކެެއް އޮއްސައިލި ހެންނެވެ. އެ އަޑާއެކު މުޅި ގެއަށް ވެސް އެ ގުޑުން އަރައިގެން ދިޔައެވެ. ވާން ފެށި ގޮތް ރައާބިލްއަށް ފަހުމްވުމާއެކު، އޭނަ ސަމްރާއަށް ބަލައިލާފައި ވާހަކަ ދެއްކިއެވެ. "ސަމްރާ.... އުޅާ... އެ އުޅާ ނަގާ..." ރައާބިލް އިޝާރާތްކުރީ ސަމްރާއާ ދުރުގައި އޮތް އުޅާއަށެވެ. އޭރު ސަމްރާގެ ގައިގައި ކެތްނުވާވަރަށް ވޭން އަޅަމުން ދިޔައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އޭނާ ރައާބިލް ބުނި ގޮތަށް ކަންތައް ކުރުމުގެ ނިޔަތުގައި އެ ދިމާލަށް ފިރުކިފައި ދާން ފެށިއެވެ. ވަކި ހިސާބަކުން ކުރިއަށް ދެވޭނެ ހިތްވަރު ނެތި އޭނާއަށް ރައާބިލްއާ ދިމާލަށް ބަލައިލެވުނެވެ. އާދޭހުގެ ބެލުމަކުންނެވެ. އޭރު އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ސަމްރާއަށް އެހީއަށް އެދެވެމުން ދިޔައީ ރައާބިލްގެ ކައިރިންނެވެ. ސަމްރާއަށް ބަލަމުން ދިޔަ ރައާބިލްގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ވުރެ ބޮޑު ވޭނެއް އޭނާގެ ހިތުގައި އަޅަމުން ދިޔައެވެ. ސަމްރާގެ ވޭނީ އެ ބެލުމުން އޭނާއަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ވޭނެކެވެ. ރައާބިލް ގަދަ ހެދިނަމަވެސް އޭނާއަށް ކުރިއަށް ދިޔުން ދަތިވިއެވެ. އެތަން ފެނި ސަމްރާ އަނެއްކާވެސް ހިތްވަރުކޮށްލާފައި ކުރިއަށް ފިރުކިލިއެވެ. އަދި ވަރަށް ޙާލުން ގޮސް އެ އުޅާ ނެގުމާއެކު، އޭނާގެ އަތުތެރޭގައި އެ އުޅާ ފޮރުވައިލަން މަސައްކަތްކުރިއެވެ. ފައުޒީއަށް އެ އުޅާގެ ބޭނުން އެނގުނީ ދެނެވެ. އޭނާއަށް އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ކޮޓަރީގެ ދޮރާއެކު ކުޑަ ދޮރުތައް ހުޅުވިގެން ދިޔައެވެ. އެއާއެކު ބާރު ވައިރޯޅިތަކުން މާހައުލު އެކީ ހަލަބޮލި ކޮށްލިއިރު، ދުންފިނި ކަމެއް ތަނަށް ފެތުރިގެން ދިޔައެވެ. އެ ދުންފިނީގެ ތެރެއިން، ފެހިނޫ އަލިކަމެއް ފާޅުވެލިއެވެ. އެ އަލިކަން ފަނޑުވަމުން ދިޔައިރު، ދުންފިނިކަން ވެސް ދިޔައީ ކެނޑެމުންނެވެ. މާހައުލު އެކީ ސާފުވުމާއެކު ފެނުނީ އެތަނުގައި ތިބި ނަމީރާ، އިންޖާބު ފޮނުވި ސިފައިންނެވެ. ތަނަށް ބަލައިލުމާއެކު ނަމީރު ގާތަށް އައި ރުޅީގައި އޭނާ ފައުޒީއާ ކުރިމަތިލިއެވެ. ރައާބިލް އެ ވޭނުގައި ތެޅެމުން ދިޔަ މަންޒަރު ބަލަން އޭނާއަށް ކެތްނުވީއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ އެކުވެރިޔާއެވެ. އެއާއެކު ފައުޒީގެ އަރިސް ޖިންނީންނާ ނަމީރުގެ ސިފައިންނާ ދެމެދު ވެސް ހަމަ ނުޖެހުން ހިނގަން ފަށައިފިއެވެ. އެ މަންޒަރު ފެނުނީ ހަމަ އެކަނި ފައުޒީއަށެވެ. ސަމްރާއަށް ފެނުނީ ހަމަ އެކަނި ރައާބިލްއެވެ. އެހެންނަމަވެސް އެތަނުގައި، އިތުރު ކަންތައް ގަނޑެއް ހިނގާކަމުގެ ލިސާންތައް އޭރު މުޅި މާހައުލުން ފެންނަމުން ދިޔައެވެ. އިރުއިރުކޮޅަކާ ވިދުވަރެއްހެން ފެނިލާ އަލިކަމާއި ޖެހޭ ވައިރޯޅިތަކުން ކަމެއް ހިނގާކަން ޔަޤީންވެއެވެ. ފައުޒީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެފަދަ ކަމެއް އޭނާއަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ. ފައުޒީ ހަދަމުން ދިޔަ ސިހުރުގެ ބާރު ކެނޑެން ފެށިއެވެ. ބިރުގަތުމުގެ ސަބަބުން ކަންނޭނގެއެވެ. ކިޔަވަން އިން ކިޔެވެލި ވެސް މެދެކެނޑެމުން ދިޔައެވެ. އެންމެފަހުން އޭނާ ގެންގުޅުނު ޖިންނިތައް ވެސް އެމީހުންގެ ސަލާމަތައިގެން ފިލަން ފަށައިފިއެވެ. އަލުން އެމީހުން އޭނަގެ ކަސްތޮޅުގެ ދަށަށް ގެނެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަކީ ވެސް ފަސޭހަކަމަކަށް ފައުޒީއަކަށް ނުވިއެވެ. އެންމެފަހުން އޭނަ ގޮތް ހުސްވާ ހިސާބަށް ދިޔައެވެ. އަމިއްލަ ފުރާނަ ނުކައްކަލަށް ހުށައެޅުނުކަން އެނގުނު ހިނދު އިންތަނުން ތެދުވެވިއްޖެއެވެ. އެއާއެކު ސަމްރާގެ ހަޅޭކުގެ އަޑު ވެސް ގަދަ ވެއްޖެއެވެ. ރައާބިލްގެ ގާތުން އެހީއަށް އެދެވުނު ނަމަވެސް ރައާބިލްއަށް ސަމްރާއަށް އެހީވެވޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ ބޮޑަށް މާހައުލު ވަނީ ހަލަބޮލިވެފައެވެ. "ދަރިފުޅާ..." ނަދީދާއަށް ކެތްކުރެވުނީ އެހާހިސާބަށެވެ. އޭނާ ސަމްރާއާ ދިމާލަށް ދުއްވައިގަތެވެ. ވާފިރަށް މިފަހަރު އޭނަ ނުހިފެއްޓުނެވެ. ފައުޒީ އަމިއްލަ ސަލާމަތަށް މަސައްކަތްކުރަން ފެށި ނަމަވެސް ކާމިޔާބުގެ ކޮޅުމައްޗެއް ނުފެނުނެވެ. ނަދީދާގެ ފަހަތުން ވާފިރު ވެސް އެންމެ ފަހުން ގޮސް ސަމްރާގެ ގާތުގައި މަޑުކޮށްލިއެވެ. އޭރު ވެސް ސަމްރާ ތެޅި ފޮޅެނީއެވެ. އެތަންފެނި ނަދީދާއާއި ވާފިރު ވެސް ތިބީ ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. ފައުޒީގެ ސިހުރު ގޯސްކޮށް ދާން ފެށިއެވެ. އޭނާ ގަދަކަމުން ހައްޔަރުކުރަން މަސައްކަތްކުރި ޖިންނިތައްވެސް އެންމެފަހުން އޭނާއާ ދެކޮޅުވީއެވެ. ސަމްރާއަށް ވޭން އިތުރުވެގެން އެހިނދު ދިޔައެވެ. ފައުޒީއަށް ކުރެވޭނެ އިތުރުކަމެއް ނެތްކަމާއި ސަމްރާއަށް އެެހެން އެވަނީ ފައުޒީގެ ސަބަބުންކަމުގައި ވިސްނި، ވާފިރު ވާހަކަ ދެއްކިއެވެ. އިތުރަށް ކުރިއަށް ގެންގޮސްފިނަމަ ސަމްރާ މި ދުނިޔެއާއި އަލްވަދާޢު ކިޔާފާނެކަމުގައި ވާފިރަށް ހީކުރެވުނެވެ. "ހުއްޓާލާ.. ހުއްޓާލާ އަހަރެންގެ ދަރިފުޅު." ސަމްރާގެ އަނގައިން ލޭ އައިސް އޭނަގެ ނޭވާ ފުންވާން ފެށިއެވެ. އަހަންމައިދީ ބިރުން ދުއްވައިގަތެވެ. "ބުނެފީމެއްނު ހުއްޓާލާށޭ. އަހަރެންގެ ދަރިފުޅު މަރުވަނީ…" ވާފިރު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު ދަށުން ކަހަލަ ގޮތަކަށް ނަދީދާވެސް ހަޅޭއްލަވައިގަތެވެ. ސަމްރާ އެ ޙާލުގައި ވާތަން ބަލަން އޭނާގެ މައި ލަގޮނޑިއަކަށް ކެތެއް ނުވިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔަ ޙާލު އޭނާ ސަމްރާގެ ދެލޮލުން އައި ކަރުނަތައް ވެސް ފުހެދިނެވެ. "ދަރިފުޅާ…" ނަދީދާއަށް ގޮވައިލެވުނެވެ. "މަންމާ…" ސަމްރާ ދެލޯ މަރައިލާ ހިންދިރުވައިލިއެވެ. އިވުނު އަޑު ފަށްގަނޑާއެކު ދެން ފެނުނީ ފައުޒީ ގޮސް ދޮރުން ބޭރަށް ޖެހުނު ތަނެވެ. އެއާއެކު ވަގުތުން އޭނަގެ ޚަބަރު ހުސްވެގެން ދިޔައެވެ. ހާސްކަމާއެކު ވާފިރު ދުވެފައި ނުކުމެ ފައުޒީއަށް ގޮވަން ފެށިތަނާ ކުއްލިއަކަށް ބާރު އަޑު ފައްގަނޑަކާއެކު ކޮޓަރީގެ ދޮރު ލެއްޕިއްޖެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ