ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓު ލިބިފައި ތިބި ބަޔަކަށް ފްލެޓު ނުދީ 75 ޕޮއިންޓު ލިބިފައި ތިބި ބަޔަކަށް މިދިޔަ ސަރުކާރުން ފްލެޓު ދިން ކަމަށް ބުނެ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވީ 76 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ނުދީ 75 ޕޮއިންޓު ލިބުނު ބަޔަކަށް ފްލެޓު ދީފައިވާ ކަމަށް މުއްތަލިބު ވިދާޅުވަނީ ކަން ހިނގާފައިވާ ގޮތް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމް ހިންގާފައި ވަނީ މީގެ ކުރިން ވެސް ސަރުކާރުން ހިންގާފައިވާ ހުރިހާ ސްކީމެއްގައި އަމަލު ކޮށްފައިވާ ގޮތަށް އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ނުލިބޭ ގޮތަށް، ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި 900 އެތައް ބަޔަކަށް އެގޮތަށް ފްލެޓު ދީފައިވާ ކަމަށް، އެއީ ކަނޑައެޅިގެން އިތުރުފުޅެއް، މިހާރު އެ ބޭފުޅުން އެކަން ކުރައްވަމުން އެ ގެންދަވަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން، އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މީގެ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައިވާ މީހަކަށް ފްލެޓު ދީފައި ނުވާނެ ކަމަށެވެ.
އަނބިމީހާ އާއި ފިރިމީހާ ގެދޮރުވެރިޔާ ސްކީމުގެ އެއް ކެޓެގަރީއަކަށް ފޯމު ހުށަހަޅާފައިވާ ނަމަ އެ ދެމަފިރިންނަށް މިދިޔަ ސަރުކާރުން އެލޮކޭޓު ކޮށްފައި އޮންނާނީ އެއް ފްލެޓު ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ. އަދި އަނބިމީހާ އާއި ފިރިމީހާ ގެދޮރުވެރިޔާ ސްކީމުގެ ދެ ކެޓެގަރީއަކަށް ކުރިމަތިލާފައި އޮތް ނަމަ އޭގެތެރެއިން ކޮންމެވެސް އެއް ކެޓެގަރީއެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުމަށް ފްލެޓުތައް ހޯލްޑު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހޯލްޑު ކުރެވިފައި ހުރި ފްލެޓުތަކުގެ ވާހަކަ އެ ދައްކަވަނީ އަޅުގަނޑުމެން 76 އަކުން މަތި [ޕޮއިންޓު] ލިބުނު މީހުންނަށް ނުދީ އެބަހުއްޓޭ، އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް، އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ އެކަން ހިނގާފައި އޮތް ގޮތް،" އަކްރަމް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ހޮވުމާއި ގުރުނެގުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ސިވިލް ސާވިސް މުވައްޒަފުން ބައިވެރިކޮށްގެން ކަމަށް އަކްރަމް ވިދާޅުވި އެވެ. އެގޮތަށް އެކަން ކުރެއްވީ ވެސް ސިޔާސީ ބޭފުޅުންނަކީ ކޮންމެ އަބަދުވެސް ބަދަލުވަމުންދާނެ ބަޔަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ކުރީ ސިވިލްސާވިސް މުވައްޒަފުން ބައިވެރިކޮށްގެން ކުރީ އަހަރުތަކާ ހިލާފަށް، މުއިއްޒުގެ މިނިސްޓަރުކަމާއި މީގެ ކުރިން ހިންގި ކަންތައްތަކުގައި މުޅިން ވެސް ގެންގުޅުއްވީ ސިޔާސީ މީހުން އެކަނި ބައިވެރިކޮށްގެން އެކަން ހިންގެވީ،" އަކްރަމް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކަމުގައި މަސައްކަތް ކުރި ސިވިލް ސާވިސް މުވައްޒަފުންނަކީ ވެސް އެމްޑީޕީ ސަރުކާރަށް ބައިއަތު ހިފައިގެން ތިބި ބައެއް ކަމަށް ތުހުމަތުކޮށް އެ މުވައްޒަފުން މަސައްކަތުން ދުރު ކުރީ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ހިނގާފައިވާ ގޮތް މިހާރުގެ ހައުސިން މިނިސްޓަރަށާއި ސަރުކާރަށް ނޭނގެނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އަކްރަމް ވާހަކަ މި ދެއްކެވީ، މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.
މުއްތަލިބު އެ ދުވަހު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 76 މާކްސް އަށްވުރެ މަތިން ލިބުނު 330 މީހަކަށް ފްލެޓު އެލޮކޭޓު ކޮށްދިނުމެއް ނެތި 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން 315 މީހުންގެ މެދުގައި ގުރު ނަގައި ފްލެޓުތައް އެލޮކޭޓު ކޮށްދީފައި ވާތީ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ އެ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި އެއްބަސްވުން ވެސް މިދިޔަ ސަރުކާރުން ހަދާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް މިހާރު ކުރަމުން ދަނީ 76 މާކްސް އަށްވުރެ މަތިން މާކްސް ލިބުނު މީހުންނަށް ފްލެޓު ދިނުމަށްފަހު ބާކީ ހުރި ފްލެޓުތައް 75 މާކްސް ލިބުނު މީހުންނަށް ދިނުމަށް ކަމަށެވެ. ނަމަވެސް އެގޮތަށް ފްލެޓު ދޭއިރު، ތިން ކޮޓަރީގެ ފްލެޓު ލިބުނު ބައެއް މީހުންނަށް ދެ ކޮޓަރީގެ ފްލެޓު ދޭން ޖެހިދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"75 މާކްސް ލިބި ފްލެޓް ލިބުނު އެންމެންގެ އަތުން ނަގައި، 76 މާސްގެ 330 މީހުންނަށް ފުރަތަމަ އެލޮކޭޝަން ހެދީ. ދެން ބާކީ ހިމެނޭ ތިން ރޫމް ފްލެޓްތައް ދީފައި ބައެއް މީހުންނަށްދެ ކޮޓަރީގެ ޔުނިޓް ދޭންޖެހޭނީ. އެހެންވީމަ 75 މާސްކްގެ މީހުންނަށް ތިން ރޫމް ނުވަތަދެ ރޫމް، މި ދެބައިން ކޮންމެވެސް އެއް ބަޔަކުން ފްލެޓް ދެވޭނެ." މުއްތަލިބު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފެށި ގެދޮރުވެރިޔާ ސްކީމްގައި ހިމެނެނީ ތިން ކޮޓަރީގެ 2800 ފްލެޓާއި ދެ ކޮޓަރީގެ 1200 ފްލެޓެވެ.
76 މާކްސް ލިބުނު ބަޔަކަށް ފްލެޓު ނުދީ ދަށުން މާކްސް ލިބުނު ބަޔަކަށް ފްލެޓު ދިންކަމަށް ބުނެ މުއްތަލިބު ހެދީ ދޮގެއް: އަކްރަމް 76 މާކްސް ލިބުނު ބަޔަކަށް ފްލެޓު ނުދީ ދަށުން މާކްސް ލިބުނު ބަޔަކަށް ފްލެޓު ދިންކަމަށް ބުނެ މުއްތަލިބު ހެދީ ދޮގެއް: އަކްރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ