އިންޑޮނޭޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީއެއްގެ އިންޒާރެއް ނެތް

އިންޑޮނޭޝިއާގެ ހުޅަނގުގައި އޮންނަ ސުމަތުރާގެ އައްސޭރިފަށަށް މިއަދު 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ނުރައްކާތެރި ސުނާމީ އެރީ ސުމަތުރާ ކައިރިއަށް އައި ބިންހެލުމަކާއެކުގައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ވަނީ މިއަދުގެ ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އެ ބިންހެލުން އައީ ސިމެއުލުއޭ އައިލެންޑް ކައިރިއަށް އެ ގައުމުގެ ގަޑިން 11:56ގައެވެ. އެއީ ރާއްޖޭ ގަޑިން ހެނދުނު 9:56 އެވެ. ބިންހެލުން އައީ ބިމުގެ 25 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް ޔޫއެސްޖީއެސް ބުންޏެވެ. އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޮފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނީ ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. އެއީ ސުނާމީއެއް އުފެދުމުގެ ބާރުމިން ހުރި ބިންހެލުމެއް ނޫން ކަމަށް އެ އިދާރާއިން ވެސް ބުންޏެވެ. ދެކުނު އިރުމަތީ އޭޝިއާގެ ބޮޑު ގައުމެއް ކަމަށްވާ އިންޑޮނޭޝިއާއަކީ ޕެސިފިކް ރިންގް އޮފް ފަޔާގައި އޮންނަ ގައުމަކަށްވާތީ، ބިންހެލުން އައުމަކީ އާންމުކަމެކެވެ. މިއީ ޓެކްޓޯނިކް ޕްލޭޓްތައް އެއް ޕްލޭޓް އަނެއް ޕްލޭޓާ ޖެހޭ ގޮތަށް، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އައްސޭރިފަށާއި ދެމެދު އޮންނަ ސަރަހައްދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ