އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) އިން ރާއްޖެ އަށް ހާއްސަ އަސްކަރީ ދާއިރާގެ ދެ ޕްރޮގްރާމެއް ތައާރަފުކޮށް، ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީއާއެކު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތައް ދިނުމަށާއި، ތަޖްރިބާތައް ހިއްސާކުރާނެ ކަމަށާއި އަދި ނުރައްކާތަކާ ކުރިމަތިލެވޭ ވަރުގެ ގުޅިފައިވާ ގާބިލިއްޔަތުތައް އުފައްދާނެ ކަމަށް ވެސް އައިއެމްސީޓީސީ ބުންޏެވެ.
ރާއްޖެއަށް ހާއްސަކޮށްގެން ތައާރަފުކުރި "ކޮމްޕިޓެންސް" އަދި "ސައިބަރ" ޕްރޮގްރާމުން އެނގިގެން ދަނީ ރާއްޖެއާއެކު އުފެދިފައިވާ އެއްބާރުލުމުގެ ރާސްތާގައި މުހިއްމު ހިސާބަކަށް ދެވުން ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
މިނިސްޓަރު އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ -- ފޮޓޯ: އައިއެމްސީޓީސީ
"މި ކަމުގެ ސަބަބުން، ތަމްރީނުދިނުމާއި، ތަރައްގީކުރުމާއި، ކެޕޭސިޓީ އުފެއްދުމުގައި ގުޅިގެން ކުރާ މަސައްކަތުގެ އާ މަރުހަލާއަކަށް މަގުފަހިކޮށްދޭ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރަހައްދީ ސަލާމަތަށް މަގުފަހިވެ، ޓެރަރިޒަމާއި، ހުރިހާ ވައްތަރެއްގެ ހައްދުފަހަނައެޅުމާ ކުރިމަތިލުމުގައި ގައުމީ ތައްޔާރީވުން ހަރުދަނާކޮށްދޭ،" އައިއެމްސީޓީސީ ބުންޏެވެ.
"ކޮމްޕިޓެންސް" ޕްރޮގްރާމް ފޯކަސް ކުރަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ އަސްކަރީ މައިދާނުގެ ތައްޔާރީވުން އިތުރަށް ވަރުގަދަކުރުމަށެވެ. މީގެ ތެރޭގައި ވަކިން ހާއްސަކޮށް، ކަނޑުގައި އަޅާފައި ހުންނަ މައިންތަކާ މެދު ކަންތައް ކުރާނެ ގޮތް ހިމެނެއެވެ.
މި ޕްރޮގްރާމުގައި ހިމެނެނީ، ތިއަރީ އާއި، އަމަލީ ގޮތުން ކަންކަން ކުރާނެ ގޮތް ގުޅުވާލައިގެން، ކަނޑުގައިއަޅާ މައިންތަކުގެ ވައްތަރުތަކާއި، އެ ފަދަ މައިންތަކުގެ މެކޭނިޒަމްތަކާއި، މައިން ނައްތާލުމުމުގެ ރައްކާތެރި ގޮތްތައް އޮޅުންފިލުވައިދޭ ހާއްސަ ކޯސްތަކާއި، ޒަމާނީ އާލާތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިންގޭ މައިން ދެނެގަތުމާއި، މައިން ސާފުކުރުމާއި، ކަނޑުއަޑީގެ އޮޕަރޭޝަންތަކާ ބެހޭ ފުޅާ ދާއިރާއެއްގެ އަމަލީ ތަމްރީނެވެ
"ސައިބަރ" ޕްރޮގްރާމްގެ މަގުސަދަކީ ޑިޖިޓަލް ހިމާޔަތް، ތްރެޓް ޑިޓެކްޝަން، ސައިބަރ ހަމަލާ، ރެސްޕޮންސް މެނޭޖްކުރުމާ ބެހޭ ހާއްސަ ޕްރޮގްރާމްތަކުގެ ޒަރީއާއިން ދިވެހިރާއްޖޭގައި ވަރުގަދަ ސައިބަރ ސިސްޓަމްތަކެއް ޤާއިމްކޮށް، އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ހަރުދަނާކުރުން ކަމަށް އައިއެމްސީޓީސީ ބުނެ އެވެ.
މި ދެ ޕްރޮގްރާމް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ގިނަ ޢަދަދެއްގެ މަދަނީ އަދި އަސްކަރީ އިސް ބޭފުޅުންނާއި، ޑިޕްލޮމޭޓުންގެ ބައިވެރިވި އެވެ.
ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: އައިއެމްސީޓީސީ
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ ވިދާޅުވީ ރާއްޖެ އާއިއެ ޖަމާއަތާ ދެމެދު އުފެދިފައިވާ ގުޅުމުން ދައްކުވައިދެނީ، ޓެރަރިޒަމާއި، ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅާދިއުމާ ކުރިމަތިލުމުގައި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަމެވެ.
އައިއެމްސީޓީސީން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމަށް މިނިސްޓަ އިހުސާން ތައުރީފު ކުރައްވައި ވިދާޅުވީ އިއްޔެ ތައާރަފުކުރި ދެ ޕްރޮގްރާމުގައި އަސްކަރީ އަދި ޑިޖިޓަލް ގާބިލިއްޔަތު ކުރިއެރުވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ހިމެނިފައިވާ ކަމަށާއި، އައިއެމްސީޓީސީ އާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ ގާބިލްކަން ވަރުގަދަވާނެ ކަމަށެވެ.
ޓްރޭނިން އެއްބަސްވުމެއްގައި އައިއެމްސީޓީސީ އާއި ޑިފެންސް މިނިސްޓްރީން ސޮއިކޮށްފި ޓްރޭނިން އެއްބަސްވުމެއްގައި އައިއެމްސީޓީސީ އާއި ޑިފެންސް މިނިސްޓްރީން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ