ފަތިސްނަމާދު ދޫކޮށްނުލައްޗޭ!

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެތަނބު ނަގަހައްޓަން ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރަންވާނެއެވެ. ނަމާދުތައް ފުރިހަމައަށް އަދާ ނުކުރުމަކީ މުނާފިޤުކަމުގެ އަލާމާތެކެވެ. ރަސޫލާގެ އަރިހުން އެނގިފައިވާ ގޮތުގައި މުނާފިޤުންނަށް އެންމެ އުނދަގޫ ނަމާދަކީ ފަތިސްނަމާދާއި ޢީޝާނަމާދެވެ. ފަތިސްނަމާދަކީ އިންސާނާގެ އީމާންތެރިކަމާ ގުޅިފައިވާ ނަމާދެކެވެ. އެ ނަމާދު ކުރާ މީހުންނަށް ﷲގެ ރައްކައުތެރިކަން ލިބެއެވެ. ފަތިސްނަމާދަށް ފަރުވާތެރިނުވާ މީހުންނަށް ދެރަކަމާއި ނިކަމެތިކަން ކުރިމަތިވެއެވެ. އެ ނަމާދުގައި ވާ ބަރަކާތް އެނގޭ ނަމަ އެއްވެސް މީހަކު އެ ނަމާދު ދޫނުކުރީހެވެ. ދުނިޔޭގެ ހުރިހާ ކަމަކަށް ވުރެ ބޮޑު އިސްކަމެއް އެ ނަމާދަށް ދިނީހެވެ. މި ކަމާ މެދު ވިސްނައިލި ކޮންމެ މީހަކަށް ފަތިސްނަމާދުގައި ޢިބުރަތްތަކެއް ވެއެވެ. ފަތިސްނަމާދު އާދަވެ ކުރެވޭނީ އެ މީހެއްގެ އީމާންތެރިކަން ވަރަށް މަތީ ދަރަޖައަކަށް ފޯރައިފައި ވާ ބަޔަކަށެވެ. އިލާހީ ދަރުބާރުގެ ރުހުމާއި ލޯތްބަށް ފެންބޮވައިގެން ތިބެ، އެ ކަމަށް އުންމީދުކުރާ މީހުންނަށެވެ. އަދި ހަމަ އެހެންމެ އިލާހީ ކޯފާއިން މިންޖުވާން އެދިއެދި ތިބެ، އެ ކަމަށް ބިރުވެތިވާ މީހުންނަށެވެ. އެއީ ޙައްޤު ގޮތުގައި ﷲއަށް އިޚްލާޞްތެރިވާ މީހުންނެވެ. އިލާހީ ޙިމާޔަތާ ރައްކައުތެރިކަން ނޭދޭނީ ފަހެ، ކޮން މުސްލިމެއްތޯއެވެ؟ އެ އިލާހަކީ އެންމެ ހެޔޮ ގޮތުގައި ރައްކައުތެރިކަން ދެއްވާ އިލާހެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «‏مَن صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ» (صحيح مسلم) މާނައީ: [ފަތިސްނަމާދުކޮށްފި މީހާ (ދަންނައެވެ!) ފަހެ، އޭނާ ވަނީ ﷲގެ ޒިންމާގައެވެ.] (އެބަހީ: އެ ކަލާނގެ އެ މީހާ ރައްކައުތެރިކޮށްދެއްވާނެތެވެ.) އިންސާނާގެ ވެރިރައްބު ރައްކައުތެރިކަން ނުދެއްވައިފި އަޅަކަށް ރައްކައުތެރިކަން ދޭނޭ އެހެން އެއްވެސް ފަރާތެއް ނާންނާނޭ ކަން ޔަޤީނެއެވެ. އޭނާގެ ކިބައިން ބަރަކާތް ނެތި ހިނގައިދާނެއެވެ. ދުވަހުގެ ފެށުމަކީ ބަރަކާތެއް ކަމުގައި ވުމަށް ކޮންމެ މީހަކު ވެސް އެދޭނެއެވެ. ފަތިސްނަމާދަކީ ބަރަކާތެކެވެ. އެ ނަމާދަށް ފަހު ނުނިދުމަކީ ވެސް ބަރަކާތް ޙާޞިލުވާ ކަމެކެވެ. މި އުންމަތުގެ މީހުންނަށް ހެނދުނުގެ ވަގުތުގައި ބަރަކާތް ލެއްވުން އެދި ﷲގެ ޙަޟުރަތުގައި ނަބީޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ދުޢާ ކުރައްވައިފައެވެ. މި ކަންކަމަށް ސަމާލުނުވެ، ޣާފިލުވެފައި ތިބޭ މީހުންނަށް ހުރި ދެރަކަމާއި ނިކަމެތިކަމެއްގެ ބޮޑުކަމާއެވެ. ފަތިސްނަމާދުގެ ވަގުތަށް މުޅި ކާއިނާތު ހޭލައެވެ. ކޮންމެ މަޚުލޫޤެއް ވެސް މުރާލިކަމާ އެކު އޭގެ ވަޒީފާއައިގެން ހަރަކާތްތެރިވެއެވެ. އިޚްތިޔާރީ މި އިންސާނާ ފިޔަވައެވެ. ކުކުޅުހާލާއި ދޫނިސޫފާސޫފީގެ ރިވެތި ގޮވުންތައް އިއްވާއިރު، އެނދުދާން ތަކުގައި ރަޖާ އަޅައިގެން ގުގުރިދަމާ ޙާލު ނިދާން އޮންނަން އޭނާ ލަދު ވެސް ނުގަންނަނީ ބާއެވެ؟ މުސްލިމުން ކަމުގައި ވެގެން އިސްލާމްދީނުގެ އިމުގެ ތެރޭގައި ތިބުމަށް ފަރުޟު ފަސް ނަމާދު ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އާދަވެ ފަތިސްނަމާދު އަޅާ ނަމަ މި އިމުން މީހާ ބޭރުވެ ހިނގައިދާނެއެވެ. ސަމާލުވާށެވެ! ފަތިސްނަމާދު ދޫކޮށްނުލާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ